ކުޅިވަރު

ރިޒޭ މާފަށް އެދެފި

މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅެން އެކުލަވައިލި ސްކޮޑުގައި ޖެހުމުން ވެސް ގައުމީ ޓީމާއެކު ނުދިޔަ އީގަލްސްގެ ފޯވަޑް އަހްމަދު ރިޒްވާން (ރިޒޭ) އެ މައްސަލައިގައި މާފަށް އެދެފި އެވެ.

ގުއާމް އާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރު ވުމަށް ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިޔައީ އަވަށްޓެރި ސްރީލަންކާގަ އެވެ. ސްކޮޑަށް ނެގުމުން ރިޒޭ އާއި އީގަލްސްގެ އަނެއް ފޯވަޑް އަލީ ފާސިރު (ސެންޓޭ) ވެސް ޓީމާއެކު ގޮސްފަ އެއް ނުވެ އެވެ. އޭގެ ފަހުން ރިޒޭ އާއި ސެންޓޭ ވަނީ އަމިއްލަ ފަރާތްތަކުން ބޭއްވި މުބާރާތްތަކުގައި ކުޅެފަ އެވެ.

ގައުމީ ޓީމާއެކު ނުދިއުމުން އެފްއޭއެމުން ވަނީ ރިޒޭ އާއި ސެންޓޭ، ކޮންމެ ކުޅުންތެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ މައްސަލަ އާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ޕަބްލިކުގައި ނުބެނެ ހުރި ރިޒޭ މާފަށް އެދެމުން އޭނާގެ ފޭސްބުކްގައި ލިޔުނު ޕޯސްޓްގައި ބުނެފައި ވަނީ ގޯސް ހެދުމުން އެކަމާ ދެރަވާ ކަމަށެވެ.

"އަހަންނަށް ހެދުނު ގޯހާ މެދު އަހަރެން ހިތާމަ ކުރަން، އަދި އަހަރެން ގަބޫލު ކުރަން އަހަރެން ކުރިން ކަންތައް ބަލައި ނުގަންނާނެކަން ވެސް" އޭނާގެ ފޭސްބުކްގައި ރިޒޭ ލިޔެފައި ވެއެވެ. "އަދި މިކަމާ ގުޅުގެން އަހަންނާމެދު އޮތް އިތުބާރާ ގެއްލިފައި ވާނެ ކަން ވެސް އަހަރެން ގަބޫލު ކުރަން، ގައުމީ ޓީމާއި އެފްއޭއެމް އާއި އާންމުންގެ ކިބައިން ވެސް އަހަރެން މާފަށް އެދެން."

ރިޒޭ އާއި ސެންޓޭގެ އެ އަމަލުގެ ސަބަބުން، މިމަހު ސީރިއާ އާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ވެސް ރިޒޭ އާއި ސެންޓޭއަށް ފުރުސަތު ދީފައެއް ނުވެ އެވެ. އޭރު އެފްއޭއެމުން ބުނީ ސެންޓޭ އާއި ރިޒޭއަށް އެޅި ޖޫރިމަނާގެ ފިޔަވަޅާއެކު އޭރު ހިނގާދިޔަ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި ސެންޓޭ އާއި ރިޒޭ ޓީމަށް ނެގުމާމެދު އަދި ނުނެގުމާމެދު ވެސް އެފްއޭއެމުން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ގައުމީ ޓީމަށް ރިޒޭ އެންމެ ފަހުން ކުޅެފައި ވަނީ މިއަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ކެޕްޓަންކަން ކުރީ ސެންޓޭ އެވެ.