ކުޅިވަރު

ސެންޓޭވެސް މާފަށް އެދެފި

މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ރާއްޖެއިން ކުޅެނު މެޗަށް އެކުލަވާލި ސްކޮޑަށް ނެގުމުންވެސް، ޓީމާއެކު ނުދިޔަ އީގަލްސްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) މާފަށް އެދެފި އެވެ.

ގުއާމް މެޗަށް ތައްޔާރު ވުމަށާއި އެ ގައުމަށް ދަތުރު ކުރަން ވިސާ ޖެހުމަށް ގައުމީ ޓީމު ލަންކާއަށް ފުރި ދުވަހު ސެންޓޭގެ އިތުރުން އޭނާ އާއެކު އީގަލްސްއަށް ކުޅޭ އަނެއް ފޯވަޑް އަހްމަދު ރިޒުވާން (ރިޒޭ) ޓީމާއެކު ނުދެ އެވެ. އެކަމާ ގުޅިގެން ރީޒޭ ވެސް ވަނީ އިއްޔެ މާފަށް އެދެފަ އެވެ.

އާއިލީ ކަމެއް ދިމާވެގެން ގައުމީ ޓީމާއެކު ދެވެން ނެތްކަން ސެންޓޭ އެންގި އެވެ. ނަމަވެސް ސެންޓޭ ވަނީ އެދުވަސް ވަރު އަމިއްލަ ރަށް ބ. އޭދަފުށީގައި ބޭއްވި މުބާރާތެއް ކުޅެފަ އެވެ. ޓީމާއެކު ނުދިއުމުން ސެންޓޭގެ މައްޗަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް އެފްއޭއެމުން ކުރި އެވެ. އަދި އެ ފައިސާ ނުދައްކަނީސް ލީގް މެޗެއް ނުކުޅެވޭނެ ގޮތަށް އަދަބު ދިނެވެ. އެފައިސާއަށް ޖާމިނުވެ ފައިސާ ދައްކާނެ ކަމަށް އީގަލްސްއިން ބުންޏެވެ. އަދި އެއަށް ފަހު އޮތް ލީގް މެޗުން ފެށިގެން އޭނާ އާއި ރިޒޭ ވެސް ކުޅެން ފެށި އެވެ.

ފޭސްބުކްގައި ސެންޓޭ ބުނެފައި ވަނީ، އޭނާ އަށް ހެދުނު ގޯސް ގަބޫލު ކުރާ ކަމަށާއި އަދި އެކަމަށް ގައުމީ ޓީމާއި އެފްއޭއެމް އާއި އާންމުންގެ ކިބައިން މާފަށް އެދޭ ކަަމަށެވެ. "ގައުމީ ޓީމާއެކު ނުދިއުމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން،" ސެންޓޭ ލިޔެފައި ވެއެވެ. "އަހަރެން ގަބޫލު ކުރަން އަހަރެން އެ ކުރި ކަންތައްތަކަކީ ޕަބްލިކުން ބަލައިގަންނާނެ ކަމެއް ނޫންކަން."

މި މަހު ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗަށް ސެންޓޭ އާއި ރިޒޭ ސްކޮޑަށް ނަގާފައެއް ނުވެ އެވެ. އެއީ ގައުމީ ޓީމަށް ސެންޓޭ ކުޅެން ފެށި ފަހުން އިންޖަރީ އެއް ނެތި އޭނާއަށް ސްކޮޑުން ފުރުސަތު ނުދިން ފުރަތަމަ ފަހަރެވެ.

މި އަންނަ މަހު ފިލިޕީންސާއި ގުއާމް އާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލާ ސްކޮޑުން ސެންޓޭއަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ލީގްގައި އީގަލްސް އާއި ދަ ގުރާންޑޭ ކުޅުނު މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ ސެންޓޭ އާ ވާހަކަ ދައްކަން އީގަލްސްގެ ބެންޗު ކައިރީގައި ހުރެފަ އެވެ.

ސެންޓޭ އަކީ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމަށްޓަކައި ފައިނަލުގައި އިންޑިއާ ކޮޅަށް ރާއްޖޭގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ. އަދި އޭނާއަކީ ޓީމުގެ އެއް ވައިސް ކެޕްޓަންވެސް މެ އެވެ. ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ކެޕްޓަންކަން ކުރީވެސް އޭނާ އެވެ.