ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ކޮމިޓީން އަންގައިފި

ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ވަދެ، ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށް ބުނެ، އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ 17 ކަމެއް ފާހަގަކޮށްފައިވާ އެ ރިޕޯޓު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން ނިންމާފައިވަނީ މިދިޔަ އޯގަސްޓް މަހު އެވެ.

އެ ރިޕޯޓް ދިރާސާކުރުމަށްފަހު ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ ޖޭއެސްސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި މެންބަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު ހަތް ނިންމުމެއް ހިމަނާފައިވާ ކަމަށެވެ.

ކޮމިޓީން އިތުރުކުރި ސުޕްރީމް ކޯޓުން ހިލާފުވި ކަންކަން

  • 1. ވަގުތީ ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރަކު ނުހުންނާކަން އޮތް އިރު، ފަނޑިޔާރަކު އަމިއްލަފުޅަށް އުއްތަމަ ފަނޑިޔާރުކަމަށް ވިދާޅުވެ ސިޓީ ފޮނުއްވަމުން ގެންދެވި މައްސަލަ.
  • 2. 2008 ވަނަ އަހަރު ވެރިކަން ބަދަލުވިފަހުން، މަޖިލީހުގައި އޭރު ތިއްބެވި ރައީސްގެ ހާއްސަ މެންބަރުންނަށް މުސާރަ ދޭން ނިންމި މައްސަލަ.
  • 3. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސިޔާސީ މަގުސަދަށްޓަކައި ބާތިލުކުރި މައްސަލަ.
  • 4. ގާނޫނީ ވަކީލުންގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަނެ، ކޯޓަށް ފާޑުކިޔާ މީހުންނަށް ޖިނާއީ ދައުވާ އުފުލި މައްސަލަ.
  • 5. ޑރ. އަފްރާޝީމް އަލީގެ ވާރިސުންގެ އެދުމާ ދެކޮޅަށް ހުސެއިން ހުމާމް މަރަން ހުކުމްކުރި މައްސަލަ.
  • 6. ސިވިލް ސާވިސްގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކުރުމުން، އޭރުގެ އުއްތަމަ ފަނޑިޔާރަށް ނޭނގި އަމުރެއް ނެރުނު މައްސަލަ.
  • 7. އާ ގާނޫނު އަސާސީއާއެކު އުފެދުނު އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ދާއިމީ ފަނޑިޔާރުންކަން އަމިއްލައަށް ނިންމި މައްސަލަ.

އޭގެ އިތުރުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހަދަން ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ ނެރުއްވި ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އަމަލުތަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާކަންކަމަށްވެސް ކޮމިޓީން ވަނީ ރިއާއަތްކޮށްފަ އެވެ.

އެގޮތުން، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހަތަރު މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ އިންސާފުވެރި، ވަކި ފަރާތަކަށް ބުރަނުވެ، ނުފޫޒުން އެއްކިބާވެފައިވާ ނިންމުންތަކަށް ވާންޖެހޭނެކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީން ދިރާސާ ކުރި މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެގޮތަށް އަމަލުކޮށްފައިވާކަމަށް ބެލެވެންނެތް ކަމަށެވެ.

"... ސުޕްރީމް ކޯޓުން މި ނިންމެވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުން މި ނިންމެވުންތައް ނިންމާފައިވަނީ ތައައްސަބާއި ނުފޫޒުން އެއްކިބާވެ ތިއްބަވައިގެންކަމަށް މި ކޮމިޓީއަށް ބެލެވެންނެތް ކަމާއި، އަދި އެ ފަނޑިޔާރުންގެ ގާބިލިއްޔަތާމެދު ސުވާލު އުފެދޭ ކަމާއި، އަދި މިކަންކަން މިހެން ހުރުމަކީ އެ ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ހާލަތެއް ކަމަށް ވީ ހިނދު، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބައްލަވައި ދެއްވައި، އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންގުމަށެވެ،" ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.

ޖުޑީޝަރީ ކޮމިޓީން މިގޮތަށް އަންގާފައިމިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތެކެވެ.

އެގޮތުން، ޖޭއެސްސީއިން ވަނީ ފަނޑިޔާރު އާދަމް މުހައްމަދު އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތައް ބަލަން މިދިޔަ ހަފުތާގެ ތެރޭގައި ނިންމާފަ އެވެ. އަދި އެ ފަނޑިޔާރުންނަށް ޗިޓް ވެސް ވަނީ ފޮނުވާފަ އެވެ.

މި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އުއްތަމަ ފަނޑިޔާރަށް ވެސް ޖޭއެސްސީއިން ހާޒިރުވުމުގެ ޗިޓް ފޮނުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެކަމާ ދެކޮޅު ހައްދަވާފައި ޖޭއެސްސީއާ ދެކޮޅަށް ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. ޖޭއެސްސީއިން އުޅެނީ ޝަރުއީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާ ގުޅޭ މައްސަލަތައް ޖޭއެސްސީއަަށް ނުބެލޭނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އެ ބަޔާން އުއްތަމަ ފަނޑިޔާރު ނެރުއްވައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައިވާ ކަމަަށް ބުނެ ޖޭއެސްސީއިން ވަނީ ވަކި ސުލޫކީ މައްސަލައެއް ބަލަން ނިންމާފަ އެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނަސޭހަތުގެ ލިޔުމާ ވެސް ހަވާލުވެވަޑައިނުގެންނެވި އެވެ.