ށ. ފޯކައިދޫގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިގު ބުރޭކަށް ލީގް މެދުކަނޑާލުމުގެ ކުރިން ކުލަބު ގުރީން ސްޓްރީޓުން އިތުބާރު ހޯދައިފި އެވެ.
ލީގްގައި މި ދެ އަހަރު ތެރޭ، ގުރީންއަށް ފޯކައިދޫ އަތުން މޮޅެއް ހޯދުނު ފުރަތަމަ މެޗަކީ މި އެވެ. މެޗަށް ފަހު މީޑިއާގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ގުރީންގެ ކޯޗް އަލީ ސުޒޭން މާބޮޑަކަށް ޓީމަށް ލިބުނު މޮޅާ ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ. މެޗާ ބެހޭގޮތުން ސުވާލު ކުރުމުންވެސް އޭނާ ބުނީ ދައްކަންވީ ގައުމީ ޓީމުގެ ވާހަކަ ކަމަށެވެ.
ގައުމީ ޓީމުގައި ހިމެނޭ ގުރީންގެ ކުޅުންތެރިން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ) އާއި ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު ސާއިފް އަދި ސަމްދޫހް މުހައްމަދު (އައްޔަ) ދެއްކި ކުޅުމަށް ތައުރީފު ކުރަމުން ސުޒޭން ބުނީ އެއީ ގައުމީ ޓީމަށް އެ ކުޅުންތެރިން ދާއިރު ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށެވެ. ފަހަކަށް އައިސް ގުރީންގެ ޓީމުން ޖާގަ ހޯދުމުގައި އުނދަގޫ ކުރިމަތިވެފައިވާ އައްޔަ އަށް ފުރުތަމަ 11 އިން ފުރުސަތު އެ ދިނީ ގޫރީން ލީގްގައި ކުޅުނު ފުރަތަމަ މެޗަށް ފަހު އެވެ.
މެޗުގައި ގުރީންއިން ލަނޑެއް ޖެހުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނުނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިސްރުގެ މިޑްފީލްޑާ މުހައްމަދު ސަލާހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެ ލަނޑަށް ފަހު ލަނޑު ޖަހާނެ މުޅިން ހުސް ފުރުސަތެއް އޭނާއަށް ލިބުނެވެ. އަޝްފާގް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރިއިރުވެސް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ސަލާހްއަކަށް ނުވި އެވެ.
ފުރަތަމަ ހާފުގެ ކުރީ ކޮޅު ފުލުފުލުގައި ގުރީންއިން ހުސް ފުރުސަތުތައް ތަނަވަސް ކުރި އެވެ. އަޝްފާގްއަށްވެސް ލަނޑު ޖަހާނެ ހުސް ތިން ފުރުސަތު ލިބުނެވެ. އުމޭރު އާއި ރިހާމް އަބްދުލް ގަނީ (ބޮބީ) އަށް ވެސް ލިބުނު ފުރުސަތުތައް ބޭކާރު ވެގެން ދިޔައީ އެވެ. ގުރީންގެ އެ ހަމަލާތައް ހުއްޓުވުމުގައި ފޯކައިދޫގެ ޕާކިސްތާންގެ ކީޕަރު ސާބިގް ހަނީފް މޮޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ހާފުގައިވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އަޝްފާގް ގުރީންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ.
ފުރަތަމަ ބުރުގައިވެސް، މި ދެ ޓީމު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެނެންނެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނެފައި ވަނީ އޭނާގެ ޓީމުން މި ފަހަރު މެޗަށް ނުކުންނަނީ މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ. މެޗަށް ފަހު އޭނާ ބުނީ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ފުރަތަމަ ހާފުގައި ޓީމުގެ މުހިންމު ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާ ކަމަށެވެ. އެއީ ކޮން ދެ ކުޅުންތެރިންނެއް ކަމެއް ނިޝްތާރު ނުބުނެ އެވެ.
މިރޭގެ މެޗަށް ފަހު ދެން ގުރީންގެ މެޗެއް އޮންނާނީ ޑިސެމްބަރު މަހު 13 ވަނަ ދުވަހު އެވެ. ފޯކައިދޫގެ މެޗެއް އޮންނާނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ.