ކްރިކެޓް

ސީނިއާ ކުޅުންތެރިން ކްރިކެޓް ސްކޮޑްގައި ނެތް

ޑިސެމްބަރު މަހު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރަން ފުރުސަތު ލިބުނު ރާއްޖޭގެ ސީނިއާ ކްރިކެޓު ޓީމުން ގައުމީ ޓީމުގައި ކުރިން ކާމިޔާބު ހޯދި ސީނިއާ ކުޅުންތެރިން ބާކީ ކޮށްލައިފި އެވެ.

ގޭމްސްގެ ކުރިން އިންޑިއާގެ ޗެންނާއީގައި ބާއްވާ ހައި ޕާފޯމަންސް ޓްރެއިނިން ކޭމްޕަށް ގެންދަން ކްރިކެޓް ބޯޑުން މިއަދު ވަނީ، ސްކޮޑު އިއުލާން ކޮށްފަ އެވެ. އެ ސްކޮޑުގައި މި އަހަރު ޖޫން މަހު މެލޭޝިއާގައި ބޭއްވި "މެލޭޝިއާ ޓީ 20 ޓްރައި ސީރީޒް" މުބާރާތުން ދެ ވަނަ ހޯދި ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ހިމަނާފައެއް ނުވެ އެވެ.

ސީނިއާ ކުޅުންތެރިން ބާކީ ކުރި މައްސަލައިގައި ސުވާލު ކުރުމުން ކުރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، އެއީ އަދި ފައިނަލް ސްކޮޑު ނޫން ކަމަށާއި ގޭމްސްއަށް ދާއިރު އެ ސްކޮޑަށް ބަދަލު އަންނާނެ ކަމަށެވެ.

"މިއަދު މި އިއުލާން ކުރީ ޗެންނާއީގެ ހައި ޕާފޯމަންސް ޓްރެއިނިން ކޭމްޕަށް ގެންދާ ސްކޮޑު، އަފްލާހް ވިދާޅުވި އެވެ. "ގޭމްސްއަަށް ގެންދާ ސްކޮޑު ސެލެކްޝަން ކޮމިޓީން ފައިނަލު ކުރާނެ."