ކްރިކެޓް ކުލަބުތަކަށް ފައިސާ ދިނުމުގެ ވިސްނުންތަކެއް ގެންގުޅެމުން ދާކަމަށް ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުގައި ކްރިކެޓްގެ ކުރީގެ ނައިބު ރައީސްކަންވެސް ކުރެއްވި ފައިސަލް ވިދާޅުވީ ކުލަބުތަކަށް ފައިސާ ދިނުމުގެ މޮޑެލްއެއް ކުރިން ބޯޑުގައި ގެންގުޅެފައިވާ ކަމަށެވެ. މިދިޔަ މަހު ބޭއްވި އިންތިހަބުގައި ކްރިކެޓްގެ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ފައިސަލް އިސްކަންދެއްވާނެ އެންމެ މުހިންމު އެއް މަސައްކަތުގެ ތެރޭގައި ހިމެނޭނެނީ ކުލަބު ސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތެވެ.
އޭނާ ވިދާޅުވީ، ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ކުލަބުތަަކަކީ، ކްރިކެޓް މުހިންމު ޕާޓްނަރެއް ކަމަށެވެ. އިންޓަ ސްކޫލް މުބާރްތަތަކާއި އުމުރު ފުރާގެ ގައުމީ ޓީމުތަކުގެ މަރުހަލާ ނިމުމަށް ފަހު ކުޅުންތެރިން ބައިވެރިވާނެ ކްރިކެޓްގެ ހަރަކާތެއް ނެތުމުން ގިނަ އަދަދެއްގެ ކުޅުންތެރިން ކްރިކެޓްގެ ތެރެއިން ގެއްލިގެންދާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
"ވައިޑީޕީ ކުރިއަށް ގެންދިއުމުގައި ކުލަބުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރަން ޖެހޭނެ ބައެއް," ކުލަބު ހިންގުމުގެ ސިސްޓަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފައިސަލް ވިދާޅުވި އެވެ. "މިސާލަކަށް އަންޑާ ފިފްޓީން، އަންޑާ ސިކްސީޓީން އާއި އަންޑާ ނައިންޓީންގެ ކުޅުންތެރިން ގުރޭޑް 10 ނިންމާފަ ނިކުންނައިރު އެ ކުދިން އެންގޭޖް ވާނެ ސިސްޓަމެއް މިހާރަކު ނެތް. އެއީ ވަރަށް ބޮޑު ގެޕެއް އެ ގެޕް ފުރަން މިޖެހެނީ ކުލަބުތަކުން. އުމުރު ފުރާތަކުގެ ގައުމީ ޓީމަށް އަރާފަ ވަރަށް ހުނަރުވެރި ކުޅުންތެރިން ގެއްލިގެންދޭ. އަޅުގަނޑުމެންނަށް ކުލަބުތައް ވަރުގަދަ ކުރެވިގެން ނޫނިއްޔަކާމު ނެތް އެކަން ކުރެވޭކަށް."
ފައިސަލް ވިދާޅުވީ، ކުލަބުތަކުގެ ގްރާސް ރޫޓް މިންވަރަށާއި ޔޫތު ޑިވްލަޕްމެންޓަށް ކުލަބުތައް ކުރާ މަސައްކަތާއި، މުބާރާތްތަކުގައި ވާދަ ކުރާ މިންވަރަށް ބަލައި ކްރިކެޓް ކުލަބުތަކަށް ފައިސާ ދިނުމުގެ މޮޑެލްއެއް ތައަރާފް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.