ކުޅިވަރު

އޭސީސީ މެންސް ޗެލެންޖާ ކަޕުން ދިވެހި ކްރިކެޓް ޓީމު ކަޓައިފި

އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކަޓައިފި އެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ބޫޓާން އަތުން ދިވެހި ޓީމު ބަލިވީ ހަތަރު ވިކެޓުންނެވެ. ގްރޫޕް ސްޓޭޖުގައި ހަތަރު ޓީމު ވާދަކޮށް ރާއްޖެ ދިޔައީ ފުލަށެވެ.

މި މުބާރާތުގެ ފައިނަލަށް ދާ ދެޓީމަށް އޭސީސީ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު މުބާރާތުން ކެޓުމުން އެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ.

މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބޫޓާނުން ނިންމީ ހޮވާށެވެ. ރާއްޖޭން ކުޅެން އަރައި 42.2 އޯވަރުގެ ތެރޭގައި ހެދުނީ 105 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 23 ލަނޑު ހެދި އާދަމް ނާސިފް އުމަރު އެވެ.

ބޫޓާނުން ކުޅެން އަރައި މެޗު ކާމިޔާބުކުރީ 28.1 އޯވަރުގެ ތެރޭގައި 106 ލަނޑު ހަދައިގެންނެވެ. ބޫޓާނުން އެ އަދަދަށް ލަނޑު ހެދީ ހަ ކުޅުންތެރިން ނުބައިވެގެންނެވެ.

ރާއްޖެ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި އީރާން އަތުން 27 ލަނޑުން މޮޅުވެފަ އެވެ. އެކަމަކު އޭގެފަހުން ކުޅުނު މެޗުގައި ބަހުރޭން އަތުން 292 ލަނޑުން ބަލިވީ އެވެ. ފުރުސަތު އެއްކޮށް ގެއްލުނީ މިއަދު ބޫޓާން އަތުން ބަލިވުމުންނެވެ.

މި ގްރޫޕުގެ އެއްވަނަ ހޯދީ ބަހުރޭން އެވެ. އެޓީމުން ވަނީ ތިން މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފަ އެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ އެއް މެޗު މޮޅުވެ ދެ ޕޮއިންޓާ އެކު ބޫޓާން އެވެ. ތިންވަނަ ލިބުނީ އީރާން އަށެވެ. އީރާން އާއި ބޫޓާނާ އެއްވަރަށް ރާއްޖެ ވެސް އެއް މެޗުން މޮޅުވެ ދެ ޕޮއިންޓް ހޯދި އެވެ. އެކަމަކު އެ ދެޓީމަށް ވުރެ ފަހަތުން ގްރޫޕުގެ ފުލަށް ރާއްޖެ ދިޔައީ ލަނޑުގެ ތަފާތުން ބަލިވުމުންނެވެ.