ކުޅިވަރު

ކްރިކެޓްގެ ޓްރޭނިންތައް ފަށައިފި

ކޮވިޑް-19 އަށް ފަހު ކުރިމަތިލާ ނިއުނޯމަލްގެ ހާލަތުގެ ދަށުން ގައުމީ ކްރިކެޓް ޓީމުގެ ޓްރޭނިންތައް މިއަދު ފަށައިފި އެވެ.

ނިއު ނޯމަލްގެ ހާލަތުގައި އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ކުޅިވަރަކީ ކްރިކެޓެވެ. މިއަދު ހެނދުނު ވަނީ ގައުމީ ފިރިހެން ޓީމުގެ ޕްރެކްޓިސް ފަށާފަ އެވެ. ޕްރެކްޓިސް ކުރިއަށް ގެންދަނީ ފަސް ބެޗަކަށް ޓީމު ބަހާލައިގެންނެވެ. ކޮންމެ ބެޗެއްގައި ވެސް ފަސް ކުޅުންތެރިންނާއެކު ކޯޗެއް ހުންނާނެ އެވެ. އެކި ބެޗުތައް ޓްރޭނިންއަށް ނުކުންނާނީ އެކި ވަގުތުގަ އެވެ.

ފުރަތަމަ ބެޗުގެ ކޯޗަކީ އިސްމާއީލް ނިހާދެވެ. ދެ ވަނަ ބެޗުގެ ކޯޗަކީ ނީޝާމް ނާސިހެވެ. ތިން ވަނަ ބެޗުގެ ކޯޗަކީ އިމާދު އިސްމާއީލެވެ. ހަތަރު ވަނަ ބެޗުގެ ކޯޗަކީ ސުޖިތު އެވެ. ފަސް ވަނަ ބެޗުގެ ކޯޗަކީ ފާއިޒު ސޮމަދެވެ.

އިސްމާއީލް ނިހާދު އާއި އިމާދުގެ ބެޗުގައި ހަ ކުޅުންތެރިން ހިމެނެ އެވެ. ހުރިހާ ކޯޗުން ވެސް މަސައްކަތް ކުރާނީ ކްރިކެޓް ބޯޑުގެ ކޯޗާސް ކޮމިޓީގެ ހެޑް އަފްޒަލް ޖަލީލްގެ ބެލުމުގެ ދަށުންނެވެ.

ގައިޑްލައިންގެ ދަށުން ކޮންމެ ކުޅުންތެރިޔަކު ވަކި ސާމާނު ބޭނުން ކުރަން ވަނީ ބާރު އަޅާފަ އެވެ. ބޯޅަ އޮމާން ކުރުމަށް ކުޅު ނުލުމާއި އެއް ކުޅުންތެރިޔަކު ބޭނުން ކުރާ އަންގި އާއި ހެލްމެޓް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. ކޮންމެ ކުޅުންތެރިޔަކު ވެސް ގެއިން ދާން ޖެހޭނީ ޑިސްޕޮސިބަލް އަންގިއެއް ލައިގެނެވެ. އަދި ޖިމް ޓްރޭނިން ހަދާނަމަ ޓްރޭނިން ފެށުމުގެ ކުރިންނާއި ޓްރޭނިން ނިމުމަށް ފަހު އެކިޔުޕްމެންޓްތައް ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ.

ކްރިކެޓްގެ ޓްރޭނިންތައް މާޗް މަހު މެދުކަނޑާލީ އެއް މަސްދުވަހުގެ ހައި ޕާފޯމަންސް ޓްރެއިނިން ކޭމްޕަކަށް އިންޑިއާ ދާން ހަމަޖެހިފައި ވަނިކޮށެވެ. އަލުން އެ ދަތުރު ހަމަޖެހޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށް ކްރިކެޓް ބޯޑުން ބުންޏެވެ.