ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި މެންބަރުން ދާއިރާ ރައްޔިތުންނާ ބައްދަލު ކުރެވޭ ގޮތް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރެއްގެ ދާއިރާ ރައްޔިތުންނާ ބައްދަލު ކުރެވޭނެ އިންތިޒާމުތައް މަޖިލީހުގެ އިދާރާގައި ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެންބަރަކު އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭނުންވުމުން، އެ މެންބަރެއްގެ މެމްބާ ސާވިސް ސެކްޝަންގައި އެދުމުން އެ ސެކްޝަނުން ކުރިއަށް އޮތް ތަނުގައި އެ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ.

"މަޖިލީހުގެ އިދާރާގައި ދާއިރާ ރައްޔިތުންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސީ މެންބަރުންނާއި ރައްޔިތުންނާ އޮންނަން ޖެހޭ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން މަޖިލީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،" ނިއުޝާ ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނާއި ދާއިރާ ރައްޔިތުން ބައްދަލު ކުރުމަށް ކޮންމެ މެންބަރަކު ދާއިރާ އޮފީހެއް ހެދުމަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" މެނިފެސްޓޯގައި ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވެ ހުވާ ކުރެއްވި ފަހުން ދާއިރާ އޮފީސް ހެދީ މަދު މެންބަރެކެވެ.

މަޖިލީހަށް އިންތިހާބުވާ ފަހުން ދާއިރާ ރައްޔިތުންނާއި މެންބަރުން ބައްދަލު ނުކުރާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެ ޝަކުވާއާ ގުޅިގެން މި މަޖިލީހަށް އިންތިހާބުވި ބައެއް މެންބަރުން ގެންދަނީ ދާއިރާ ރައްޔިތުންނާ ބައްދަލު ކުރަމުންނެވެ.