ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމަށް ފުރަގަސްދީފިނަމަ ދެން މާފެއް ނޯންނާނެ

ގައުމީ ޓީމަށް އަންނަން ގޮވާލުމުން ދެން ފުރަގަސް ދީފިނަމަ މާފެއް ނޯންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ފިލިޕީންސް އަދި ގުއާމް އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރު ވުމަށް ޓްރެއިނިން ކޭމްޕްގައި މެލޭޝިއާ އަށް ޓިމު ފުރުވާލުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ގައުމީ ގޮވާލޭވޭ ކޮންމެ ފަހަރަކު ޓީމަށް އިޖާބަ ދޭން ޖެހޭނެ ކަމަށާއި މަގުބޫލު އުޒުރަކާއި ނުލައި ދެން ފުރަގަސް ދީފި ނަމަ މާފެއް ނޯންނާނެ ކަމަށެވެ.

މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗަށް ނުދިޔަ އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ވަނީ އެ ދެ ކުޅުންތެރިންނަށް ހެދުނު ގޯސް ގަބޫލުކޮށް މާފަށް އެދެފަ އެވެ. އެ ކުޅުންތެރިން މާފަށް އެދުމުން މެލޭޝިއާގެ ޓްރެއިނިން ކޭމްޕް ސްކޮޑުގައި އެ ދެ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ.

"ގައުމީ ޓީމަށް ގޮވާލާ ކޮންމެ ވަގުތެއްގައި ތި ކުޅުންތެރިން ޖެހޭނެ ގައުމީ ޓީމަށް އަންނަން،" ކުޅުންތެރިންނާ މުހާތަބު ކުރައްވަމުން ބައްސާމް ވިދާޅުވި އެވެ. "މިއީ މިތާންގައި ބައްސާމް އަދީލް ޖަލީލް ހުރީމަ ކޮށްދޭކަމެއް ނޫން، މިއީކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ވަކި މީހަކު ހުރެގެން ކޮށްދޭ ކަމެއް ނޫން، މިއީ ގައުމަށް ކޮށްދޭ ކަމެއް."

ބައްސާމް ވިދާޅުވީ ގައުމަށް ލޯބި ކުރާ ބައެއްގެ ހައިސިއްޔަތުން ގައުމު ތަމްސީލު ކުރަން މެޗުތަކަށް ކުޅުންތެރިން ނުކުންނަނީ ހަނގުރާމައަކަށް ކަމަށެވެ. ހަނގުރާމައަކަށް ނުކުންނައިރު ގައުމު ދިފާއުކޮށް ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މީގެ ފަހުން ގައުމީ ޓީމަށް ގޮވާލުމަށް ފަހު އެ ކުޅުންތެރިޔަކު އިޖާބަ ނުދީފިނަމަ އަލުން އެ ކުޅުންތެރިޔަކަށް ފުރުސަތު ނުދޭން ގައުމީ ޓީމުގެ ކޮމިޓީގައިވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތެއް ނޯންނާނެ ދެން ފުރަގަސް ދީފިއްޔަކާ،" ބައްސާމް ވިދާޅުވި އެވެ. "މާފަށް އެދޭކަށް ކޮންމެ ފަހަރަކު ފުރުސަތެއް ނުދެވޭނެ."

ބައްސާމް ވިދާޅުވީ ކޮންމެ ކުޅުންތެރިޔަކުވެސް ކުޅެން ޖެހޭނީ ގައުމީ ޓީމުގެ ޖޯޒީ ލުމަކީ ޝަރަފެއް ކަމުގައި ދެކިގެން ކަމަށެވެ. ފިލިޕީންސާ ދެކޮޅަށް އަންނަ މަހު 14 ވަނަ ދުވަހު ކުޅޭ މެޗަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވީ އެއީ ރާއްޖޭގެ ކޮންމެހެން ކާމިޔާބު ކުރަން ޖެހޭ މެޗެއް ކަމަށެވެ. އަދި އެ ވިސްނުމުގައި މަސައްކަތް ކުރުމަށް ކުޅުންތެރިންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.