ފުޓްބޯޅަ ސީޒަން ކަލަންޑަރަށް ބަދަލު ގެންނަނީ ގައުމީ ޓީމުގެ އަމާޒު ހާސިލު ކުރުމުގެ ގޮތުން ގައުމީ ޓީމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.
އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ އުންމީދުގައި މަސައްކަތް ކުރާއިރު ގައުމީ ޓީމަށް ވަގުތު ހުސްކުރުމުގެ ގޮތުން ލީގް ބޮޑު ބުރޭކެއް ނެގުން ބައްސާމް ސިފަ ކުރެއްވީ ގުރުބާނީއެއްގެ ގޮތުގަ އެވެ. ގައުމީ ޓީމުގެ އެޑްވައިޒަރީ ކޮމިޓީގެ ފަރާތުން ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ބާއްވަމުންދާ ބައްދަލު ވުމުގައި ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހަލާތާއި ވަސީލަތްތައް ވެސް ހުރީ އެންމެ އެކަށޭނެ ގޮތަށް ނޫން ކަމަށާއި އެއީވެސް ލީގަށް ގިނަ ބުރޭކުތަކެއް އަންނަން ޖެހޭ ސަބަބެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަސީލަތްތައް މަދުވުމާއި ޕްރިމިއާ ލީގްގެ ހުރިހާ މެޗެއް ކުޅެވިގެން މިދަނީ ގަލޮޅު ދަނޑުގައި. މިއީ ދުނިޔޭގައި ވެސް ވަރަށް މަދު ނޫނީ ނުފެންނާނެ ކަމެއް ކަންނޭންގެ އެ ގައުމެއްގެ އެންމެ ޓޮޕް ލީގް އެންމެ ދަނޑެއްގައި ކުޅުން،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ކަނާތް ފަރާތުން މިއޮތް މޭޒަކީ [ކޯޗުންގެ މޭޒު] ސީޒަންގެ ކަލަންޑަރާ ބެހޭގޮތުން އެންމެ ގިނައިން ޝަކުވާ އަންނަ މޭޒު، އަޅުގަނޑުމެން ވެސް ބޭނުންވާ ކަމެއް ނޫން ކަލަންޑަރު އެއް މަހުން އަނެއް މަހަށް ބަދަލުވާކަށް ނަމަވެސް އަޅުގަނޑުމެން މި ކުރާ މަސައްކަތާއި ދާން ޖެހޭ ޓާގެޓަށް ދިއުމަށް ޓަކައި ބައެއްކަހަލަ ގުރުބާނީ އެބަޖެހޭ."
ބައްސާމް ވިދާޅުވީ، ރާއްޖޭގައި ކުޅޭ ފުޓްބޯޅައިގެ ސްޓައިލް މިހާރު ބަދަލުވެއްޖެ ކަމަށާއި އެއީ ދިވެހި ކޯޗުން ކަުލަބުތަކުގައި ކުރި މަސައްކަތް ކަމަށެވެ. ރާއްޖޭގެ ގުރާސްރޫޓް ފުޓްބޯޅައަށް އޭއެފްސީ ވަނީ ބްރޯންޒް ކެޑަގަރީގެ ބެޖު ދީފަ އެވެ. ބައްސާމް ވިދާޅުވީ އެއީ ފުޓްބޯޅަ ޑިވްލަޕްމެންޓްގައި ފެށުމެއް ކަމަށެވެ.
"އަޅުގަނޑު ޔަގީން ކަން ދެން ކުރިއަށް އޮތް އަހަރުތަކުގައި ސިލްވާއިން ގޯލްޑަށް ބަދަލުވެގެން ދާނެކަން."
މި އަންނަ މަހު މާލޭގައި ފިލިޕީންސާއި ގުއާމް އާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތް ކޮށް ބައްސާމް ވިދާޅުވީ މިވަގުތު އެންމެ ބޮޑު ޓާގެޓަކީ އަންނަ މަހު ކުޅޭ ދެމެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދުން ކަމަށެވެ.
ޕްލޭނެއް ނެތި ކަލަންޑަރަށް ބަދަލުގެނެސް ލީގް ބޮޑު ބުރޭކަކަށް ދަތީ ކޯޗުންގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މި މަހު 27 ވަނަ ދުވަހު އަނެއްކާވެސް ލީގަށް ބޮޑު ބުރޭކެއް އާދެ އެވެ. އެއީ 46 ދުވަހަށް ދެމިގެންދާ ބޮޑު ބުރޭކެކެވެ.