ވަކިގޮތަކަށް ގައުމީ ޓީމު އެކުލަވާލަން ކޯޗް ޕިޓާ ޝެގަޓަށް ޕްރެޝަރު ނުކުރާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 17 މަސް ދުވަހަށް ފަހު، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް އަލުން ވަނީ ޓީމުން ފުރުސަތު ދީފަ އެވެ. އަޝްފާގް އަށް އަލުން ފުރުސަތު ދިނުމުގައި އެފްއޭއެމްގެ ނުފޫޒު ކޯޗަށް އޮތް ކަމަށް ދަނީ ވާހަކަ ދައްކަމުންނެވެ.
މިއަދު 'އަވަސް' އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ވަކި ކުޅުންތެރިޔަކު ޓީމަށް ނެގުމުގައި އެފްއޭއެމްގެ އެއްވެސް ޕްރެޝަރެއް ކޯޗަށް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން ދެން ސްކޮޑު އެކުލަވާލުމުގައި ވަކި ކުޅުންތެރިޔަކު ނަގާކަށް ކޯޗަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ،" ބައްސާމް ވިދާޅުވި އެވެ. "ކޯޗު ބޭނުންވާ ސްޓްރެޓެޖީއަށް ފެތޭ ކުޅުންތެރިން ކޮންމެ މެޗަކަށްވެސް ގެންދިއުމަށް އިހްތިޔާރު ކޯޗަށް އޮންނާނެ."
ގައުމީ ޓީމުގައި ރަޖިސްޓްރީ ކުރި ފުރަތަމަ 50 ކުޅުންތެރިންގެ ލިސްޓްގައި އަޝްފާގްގެ ނަމެއް ނެތެވެ. ބައްސާމް ވިދާޅުވީ އަޝްފާގް ޓީމުގައި ލިސްޓް ކުރީ ކޮންމެ މެޗެއްގެ ހަތް ދުވަސް ކުރިން އޭއެފްސީން ލިސްޓް ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތުގައި ކަމަށެވެ.
މިދިޔަ އަހަރު މާޗް މަހުގެ 26 ވަނަ ދުވަހު އަޝްފާގް ގައުމީ ޓީމުން އެކަހެރި ކުރީ ބޫޓާން އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ޕްރެސްއަށް ހާޒިރު ނުވުމުންނެވެ. ޓީމުން އަޝްފާގް އެކަހެރިކޮށް ދެ ފަރާތުގެ ދެމެދުގައި ނުސީދާކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރެވުނެވެ. ބައްސާމް ވިދާޅުވީ އަޝްފާވެސް ކޯޗާއި މެދު އަދި ކޯޗްވެސް އަޝްފާގް އާ މެދު މައްސަލައެއް އުޅޭތަން ނުފެންނަ ކަމަށެވެ.
"ބޭރުތެރޭގައި އެގޮތަށް ވާހަކަ އެނބުރެނީ ނަމަވެސް ކޯޗާއި އަޝްފާގް އާއި މައްސަލަ އުޅޭ ކަަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ބައްސާމް ވިދާޅުވި އެވެ. "މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އަޝްފާގް އާއި ކޯޗާއި އަޅުގަނޑާއި ތިން މީހުން އެފްއޭއެމްގައި ބަައްދަލުކޮށް ވާހަކަ ދެއްކިން، ކޯޗްވެސް އަޝްފާގްވެސް ވަރަށް ރަނގަޅަށް ވާހަކަ ދެކެވިގެން ދިޔައީ."
އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމަށް ގައުމީ ޓީމުން ވަނީ ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. ރޭ ހޮޓެލް ޖެންގައި ކޭމްޕް ކުރި ޓީމާ އަޝްފާގްވެސް ވަނީ ގުޅިފަ އެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 1-0 ންނެވެ.