އަލީ އަޝްފާގު (ދަގަނޑޭ)

މެޗުން ޖާގަ ހޯދުން އޮތީ ދަގަނޑޭގެ އަތްމަތީގައި: ޝެގަޓް

އަންގާރަ ދުވަހުގެ ރޭ ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗުން އަލީ އަޝްފާގް (ދަގަނޑޭ)، ޖާގަ ހޯދުން އޮތީ މިރޭ ބާއްވާ ޓީމުގެ ޕްރެކްޓިހުގައި އޭނާ ދައްކާ ޕާފޯމަންސެއްގެ މައްޗަށް ބިނާކޮށް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ގާތްގަނޑަކަށް 17 މަސް ދުވަހަށް ފަހު އަޝްފާގް އަށް ވަނީ ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ހޮޓެލް ޖެންގައި ކޭމްޕް ކުރި ގައުމީ ޓީމާ އަޝްފާގް ވެސް ރޭ ވަނީ ގުޅިފަ އެވެ. ހޮޓެލް ޖެންގެ ލޮބީގައި ހުރެ މިއަދު ހަވީރު އަވަސްއާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ ހޮޓެލް ޖެންގެ ކޭމްޕްގައި 25 ކުޅުންތެރިން އެބަތިބި ކަމަށާއި ޗައިނާ މެޗަށް ގެންދާނެ ސްކޮޑު 23 ކުޅުންތެރިންނަށް މަދު ކުރަން ޖެހޭއިރު މިރޭ ބާއްވާ ޕްރެކްޓިހުގައި ކުޅުންތެރިން ކުރާ މަސައްކަތަށް ބަލާނެ ކަމަށެވެ.

ޝެގަޓް ބުނީ މިދިޔަ އަހަރުގެ މާޗް މަހު ޓީމުގެ ޕްރެސްއަށް ހާޒިރު ނުވުމަކީ އަޝްފާގް ހެދުނު ގޯހެއް ކަމަށް އޭނާ ގަބޫލު ކޮށްފައިވާ ކަމަށެވެ. ޝެގަޓް ބުނީ ގުއާމް އާ ދެކޮޅަށް ތައްޔާރުވާން ޖެހުނު ގޮތުން މެޗަށް ފަހު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައިވާ ކަމަށެވެ. އަދި އެނބުރި ރާއްޖެ އަންނަން 22 ގަޑިއިރު ހޭދަވުމުން ކުޅުންތެރިން އިންތިހާއަށް ވަރުބަލި ވެފައިވުމުން ފުރެޝް ކުޅުންތެރިޔެއް ޓީމަށް ބޭނުންވާ ކަމުގެ އިހްސާސް އޭނާއަށް ކުރެވުނު ކަމަށެވެ.

"އަހަރެން ވިސްނީ މިޑްފީލްޑަރެއް ނުވަތަ ފޯވަޑެއް އަހަރެމެންނަށް ބޭނުންވޭ ފްރެޝްކޮށް ހުރި ކުޅުންތެރިޔެއް ބޭނުންވެޔޭ، އަހަރެން ވަރަށް ހައިރާންވެސްވި އަހަރެން ރާއްޖެ އައިރު އަޝްފާގް އަހަންނަށް ގުޅި، އިއްޔަ މި ހޮޓެލްގައި އަހަރެން އަޝްފާގް އާ ވާހަކަ ދެއްކިން، ވަރަށް ރަނގަޅަށް ވާހަކަތައް ދިޔައީ،" ޝެގަޓް ބުންޏެވެ. "އަހަރެން ބުނިން އަޝްފާގް އޭ ، އަޝްފާގްގެ ފިޒިކަލީ ކޮންމެވެސް ވަރަކަށް ދަށް ވެފަ ނޫންހޭ ތިހުރީ، އޭނާ ބުނި ކޯޗޭ ތިމަންނަ އެކަން ރިކަވާ ކުރާނަމޭ، އަހަރެން އުންމީދު ކުރަނީ އޭނަ މި ޓީމަށް ޕޮޒެޓިވް ހަކަތައެއް ގެނެސްދޭނެ ކަމަށް."

ޝެގަޓް ބުނީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތި ވެފައިވާ ކަމަށާއި މިރޭ ބާއްވާ ޕްރެކްޓިހުގައި އެކަމަށްވެސް އިތުރަށް ބެލުމަށް ފަހު ސްކޮޑު ފައިނަލު ކުރާނެ ކަމަށެވެ. އޭނާ ބުނީ އަޝްފާގް ސްކޮޑަށް ނެގިޔަސް ޗައިނާ މެޗުގައި އޭނާ ކުޅޭނެތޯ ނުކުޅޭނެތޯ ނުނިންމާ ކަމަށެވެ.

"އަހަންނަކަށް ޔަގީނެއް ނޫން އޭނަ މެޗުގައި ކުޅޭނެ ކަމެއްވެސް އަދި މެޗުގައި ނުކުޅޭނެ ކަމެއްވެސް، އަހަރެން ފުރަތަމަ ޖެހޭނީ ބަލަން، އަހަރެން ބަލަން ޖެހޭނީ އޭނާގެ ކޮންޑިޝަން،" ޝެގަޓް ބުންޏެވެ.

"އަހަރެން ބަލަން ޖެހޭނެ ޗައިނާ މެޗުގައި އޭނާ އަށް ކުޅެވޭނީ ކިތައް މިނެޓްތޯވެސް، ފަހަރެއްގައި ފުރަތަމަ 11 ގައި ކުޅެވެސްފާނެ ނުވަތަ ބެންޗުގައިވެސް ހުރެދާނެ، ނުވަތަ ފައިނަލް 23 ކުޅުންތެރިންގެ ތެރޭގައިވެސް ނުހިމެނިދާނެ އަހަރެން ބަލާނަން އޭނާ ކިހާވަރަކަށް ތައްޔާރުތޯ، މިހާރު އެކަން ސާބިތު ކޮށްދިނުން އޮތީ އޭނާގެ އޮތް މަތީގައި އޭނާ ޕްރެކްޓިހުގައި ކުރާ މަސައްކަތަށް އަހަރެން ބަލާނަން."

ޝެގަޓް ބުނީ އަޝްފާގް ސްކޮޑާ ގުޅުމުން ކުޅުންތެރިންނަށް ރަނގަޅު ރޫހެއް އަތުވެއްޖެ ކަމަށެވެ. އަދި އޭނާ އެނބުރި އައުމުން ބައެއް ކުޅުންތެރިން ކުޅެމުން ދިޔަ މަގާމު އެ ކުޅުންތެރިންނަށް ގެއްލިދާނެ ކަމުގެ އިހްސާސް ކުރެވޭނެ ކުޅުންތެރިންތަކެއްވެސް ތިބެ ދާނެ ކަމަށެވެ. އެހެންނަމަވެސް ޓީމުން އެއްވެސް ކުޅުންތެރިޔަކަށް ޖާގަ ކަށަވަރު ނުވާނެ ކމުގެ ޔަގީންކަން ކުޅުންތެރިންނަށް ދީފައި ވާނެ ކަމަށެވެ.