ގައުމީ ފުޓްބޯޅް ޓީމް

ދަގަނޑޭ އާއި ބަކާއަށް މިހާރު ފުރުސަތު ދޭން އުނދަގޫ

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ނިމޭއިރު އަލީ އަޝްފާގް އާއި މުހައްމަދު އާރިފް (ބަކާ) އަށް ވަނީ 38 އަހަރު ކަމަށާއި، ހަ މަހުގެ ބުރޭކަށް ފަހު ސީޒަން ފަށައިގެން ދާއިރު ގައުމީ ޓީމުން ފުރުސަތު ދޭން އުނދަގޫ ވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމަށް ޓްރެއިނިން ކޭމްޕްގައި ގައުމީ ޓީމު ލަންކާ އަށް ފުރުމުގެ ކުރިން، މީޑިއާއިން އަޝްފާގް ޓީމަށް ނުނަގާ ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން ޝެގަޓް ބުނީ، ޓީމުގައި ނުހިމެނޭ ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާ ވާހަކަ ދައްކަން ބޭނުން ވަނީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާ ބެހޭގޮތުން ކަމަށެވެ.

އެހެން ބުނެފައިވެސް، އޭނާ އަމިއްލަ އަށް ވަނީ ބަކާ އާއި ދަގަނޑޭ އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ޝެގަޓް ބުނީ ގައުމީ ސްކޮޑުގައި ބަކާ ނުހިމެނުމުން އޭނާ މެސެޖު ކޮށްފައި އެވާހަކަ އެހުމުން އެ ސަބަބުން އޭނާ އަށް ކިޔައިދީފައި ވާނެ ކަމަށެވެ.

"ބަކާ އަހަންނަށް ގުޅި ސްކޮޑަށް އޭނާ ނުނަގާ ސަބަބާ ބެހޭގޮތުން، އަހަރެން ބުނިން 34 އަހަރޭ، މިހާރު ޖެހޭނޭ މިކަން ގަބޫލު ކުރަން މި މި މެޗުތަކަށް އަހަންނަކަށް ނެތޭ ނެގޭކަށް، ބަކާ އެކަން ގަބޫލު ކުރި،" ޝެގަޓް ބުންޏެވެ.

"އެހެން ކުޅުންތެރިޔަކުވެސް އެކަމާ ބެހޭގޮތުން ސުވާލު ކުރަން ބޭނުންވަންޏާ އަހަންނަށް ގުޅޭނެ، ކުޅުންތެރިން އަތުގައި އަހަރެންގެ ނަންބަރު ހުންނާނެ، ކޮލިފިކޭޝަން ނިމޭއިރު އޭނާ އާއީ އަޝްފާގަށް ވަނީ 38 އަހަރު، ދިގު ބުރޭކަކަށް ފަހު ސީޒަން ފަށާއިރު އަހަންނަށް ވިސްނެނީ ސީނިއާ ކުޅުންތެރިންންނަށް އެނބުރި އަންނަން އިތުރު ވަގުތު ބޭނުންވާނެ ކަމަށް."

އޭނާ ބުނީ، ކޮލިފައިންގެ ވަކި ހިސާބަކުން އެ ކުޅުންތެރިންގެ ބޭނުން ޖެހޭނެ ވަގުތެއް އައިސްދާނެ ކަމަށާއި އެ ވަގުތަކުން އެ ކުޅުންތެރިންނަށް އޭނާ ފުރުސަތު ދޭން ޖެހޭނަމަ ފުރުސަތު ދޭނެ ކަމަށެވެ.

ދަ ގުރޭންޑޭގެ އަހްމަދު އަޔާޒު (އަޔާ) ވަނީ މުޅިން އަލަށް ގައުމީ ސްކޮޑަށް ނަގާފަ އެވެ. މިއީ އޭނާގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފުރަތަމަ ސީޒަނެވެ. އަޔާ އާ ބެހޭގޮތުން ޝެގަޓް ބުނީ އޭނާ އަކީ ވަރަށް އެގްރެސިވްކޮށް ކުޅޭ ސްޓައިކަރެއް ކަމަށާއި އޭނާގެ ބޭނުން ކޮންމެވެސް ސިފައެއްގައި ޓީމަށް ހިފޭނެ ކަމަށެވެ.

"އަކޫ [އަކުރަމް އަބްދުލް ގަނީ] އަކީ އަހަރެމެންގެ އެންމެ މޮޅު ޑިފެންޑަރު، އަހަންނަށް ފެނުނީ (ޓީސީ އާ ދެކޮޅަށް ) ކުޅުނު މެޗުގައިވެސް އަކޫ އާ ދެކޮޅަށްވެސް ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރާ ފޯވަޑެއްގެ ގޮތުގައި،" ޝެގަޓް ވާހަކަ ދެއްކި އެވެ. "ގުއާމް އާއި ޗައިނާގެ މެޗަށް އަހަރެމެން ބޭނުންވޭ ވަރަށް އެގްރެސިވް ފޯވަޑުން."

ގައުމީ ޓީމު ލަންކާއަށް ފުރިއިރު، ޓީމާއެކު އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ދަތުރު ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެ ދެކުޅުންތެރިންނަށް ޓީމާއެކު ނުދެވުނީ އަމިއްލަ ކަމެއް ދިމާވެގެންނެވެ.