މި އަހަރުގެ އޭޝިއަން ކަޕްގެ އެންމެ ފަހު ކޮލިފިކޭޝަން މެޗުގައި، މިދިޔަ އަހަރު ބޫޓާން އާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗުގެ ޕްރެސްއަށް ހާޒިރު ނުވުމުން ޓީމުގެ އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ބާކީ ކުރުމަށް، ކޯޗް ޕީޓާ ޝެގަޓް ނިންމި އެވެ.
ގައުމީ ޓީމުގައި، މީޑިއާ އާ އެންމެ ބީރަށްޓެހި ކުޅުންތެރިޔަކީ އަޝްފާގް އެވެ. ހަގީގަތުގައި އޭނާ އެންމެ ބޮޑު ބަލިފަޔަކީވެސް އެއީ އެވެ. ގައުމީ ޓީމުގައި އަޝްފާގް ޓީވީގެ ކެމެރާ ކުރިމަތީގައި އިންޓަވިއު ދީފައި ވަނީވެސް އެންމެ ފަހަރަކު އެވެ. އެއީ 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ގައުމީ ޓީމުގެ ޕްރެސްއަށް ހާޒިރު ނުވި ނަމަވެސް، އޭގެ ފަހުން އަޝްފާގް ވަނީ ކުލަބުގެ ޕްރެސްއަށް ހާޒިރުވެ މީޑިއާގެ ސުވާލުތަކަށް ޖަވާބުވެސް ދީފަ އެވެ. ކެޕްޓަނެއްގެ ގޮތުގައި ހުރެ ޓީމުގެ ޕްރެސްއަށް ހާޒިރުވުމަކީ އޭނާ އަދާ ކުރަން ޖެހޭނެ ޒިންމާ އެކެވެ.
ޕްރެސްއަށް ހާޒިރު ނުވުމުން، އޭނާ ޓީމުން ބާކީ ކުރުމަށް ފަހު، މިދިޔަ އަހަރު މާޗް މަހު އަވަސް އަށް ދިން އިންޓަވިއުގައި ޝެގަޓް ބުނެފައި ވަނީ، އެއްވެސް ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅަނީ އަދަބެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި ކޮންމެ ފިޔަވަޅެއް އަޅާނީވެސް އެ ކުޅުންތެރިޔަކު ޒިންމާދާރު ކުރުވުމަށް ކަމަށެވެ.
"އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދަރިން ތިބި މީހުން، ދަރިން ބަސް ނޭހީމަ އަދަބު ދެނީ ކޮންމެހެން އެ ކުދިންނަށް އަދަބު ދިނުމަކަށް ނޫން، އެއީ އެކުދިން ޒިންމާދާރު ރަނގަޅު ދަރިންތަކަކަށް ހެދުމަށްޓަކައި." މިސާލެއް ދައްކަމުން ޝެގަޓް އޭރު ބުނެފައި ވެއެވެ.
އޭގެ ފަހުން، ގައުމީ ޓީމުން އަޝްފާގް ބާކީވެފައި ހުންނަތާ 15 މަސް ވީ އެވެ. އޭނާ އަށް އެޅި ފިޔަވަޅަކީ ޕްރެސްއަށް ހާޒިރު ނުވެގެން ދިން އަދަބެއް ނަމަ، 15 މަސް ދުވަހަކީ އެކަށީގެންވާ ވަަރަށް ވުރެ މާ ދިގު މުއްދަތެކެވެ. ކުޅުންތެރިޔަކާ މެދު އެޅޭ ފިޔަވަޅަކީ ދާއިމަށް އެޅޭ ފިޔަވަޅެއް ކަމުގައި ވެގެން ނުވާނެ އެވެ. އެ ފިޔަވަޅަކީ ދާއިމަށް އެޅޭ ފިޔަވަޅެއް ކަމުގައި ވާނަމަ ފިޔަވަޅު އެޅި ސަބަބާ މެދު ސުވާލު އުފައްދާނެ ބާގަނޑުތައް ހެދި ގެން ދެ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން، ހޮލެންޑްގެ އަޔެކްސްގެ މޮރޮކޯގެ މިޑްފީލްޑަރު ހާކިމް ޒިޔެކް، މޮރޮކޯގެ ކޯޗް ފްރާންސްގެ ހާވޭ ރެނާޑް އާ މައްސަލަ ޖެހި ޒިޔެކް ޓީމުން ބާކީ ކުރި އެވެ. ފަހުން ކޯޗާ އެކު ސުލުހަވެ، މައްސަލަ ހައްލު ކުރުމުން، ވޯލްޑް ކަޕަށް ރެނާޑް ނެގި ސުކޮޑުން ޒިޔެކް އަށް ފުރުސަތު ދިނެވެ. އެއްވެސް ކުޅުންތެރިޔަކާއެކު ދާއިމަށް ފިޔަވަޅު އެޅުމަކީ އެ ކުޅުންތެރިޔެއްގެ ކެރިއާއަށްވެސް އެޅިދާނެ ހިޔަންޏެއް ކަމުގައި ރެނާޑް ގަބޫލު ކުރި އެވެ.
ދާދި ފަހުން އަޝްފާގް ބުނެފައި ވަނީ ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއް އުފަލާއެކު އޭނާ ބޭނުން ކުރަން ތައްޔާރަށް ހުރި ކަމަށެވެ.
"އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް (މި ފެންވަރުގައި) ދެމި ހުރުން،" އަޝްފާގް ބުނެފައި ވެއެވެ. "އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައިވެސް އުފަލާއެކު ހިފާނަން."
ގައުމީ ޓީމުގެ ކޮންމެ ފުރުސަތެއްވެސް އުފަލާއެކު ހިފާނެ ކަމަށް އަޝްފާގް ބުނުން އެއީ، މުހިންމު އެއް ވާހަކަ އެވެ. ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން އޭނާ ތައްޔާރަށް ހުރި ކަމަށް ބުނުމަކީ ބާކީ ވެފައި ހުރި ހުރުމުން އޭނާ މިންޖުވާން ޖެހޭ ކަމެކެވެ. ޓީމަށް އަޝްފާގް ނުނެގުމުގައި ސްޕޯޓިން ރީޒަން އެއް ދެއްކޭކަށް މިހާރު ޝެގަޓަކަށް ނެތެވެ. ހުދު އޭނާގެ އަތުގައިވެސް އެ ސަބަބެއް ނެތެވެ. އެހެންވީއިރު އަޝްފާގް ސުކޮޑުން ބާކީވާން ޖެހުނީ ކީއްވެގެން ހެއްޔެވެ. އެ ސަބަބު ސާފު ވާން ޖެހެ އެވެ. އެފްއޭއެމުންވެސް ކޯޗު ޖަވާބު ދާރީ ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހެ އެވެ.
ވޭތުވެދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމަށް ދިމާވަމުން ދިޔަ މައްސަލަތައް، އަޝްފާގް ޓީމަށް ނަގައިގެން ހައްލު ވާނެ ހެއްޔެވެ. ނުވާނެ އެވެ. މައްސަލައަކީ ވަކި ކުޅުންތެރިޔަކާ ގުޅިފައި ހުރި މައްސަލަތަކެއް ނޫނެވެ. މިދިޔަ ދެތިން އަހަރަކީ ރާއްޖޭގެ ފުޓްބޯޅައަށް ސްޓޭބަލް ހަ އަހަރެއް ނޫނެވެ. އެފްއޭއެމްގެ ލީޑާޝިޕަށް އަވަސް އަވަހަށް އައި ބަދަލުތަކާއި، ލީޑާޝިޕް ބަދަލު ކުރުމަށް މަސައްކަތް ކޮށް އެކަމަށް ހިނގި ކޯޅުންތަކުގެ އަސަރު ގައުމީ ޓީމަށް ކުރި އެވެ. އެފްއޭއެމްގެ ކުރީގެ ރައީސް، އިލްހާމް އަހްމަދުގެ ދުވަސްވަރުން ފެށިގެން ފުޓްބޯޅަ ވަޅުޖެހެމުން އައިސް އޮތީ ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. އެއަށް ފަހު 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފުޓްބޯޅައަށް ހަމަ ނޭވާލާނެ ވަގުތެއް ނެތެވެ.
އޭގެ އަސަރު ގައުމީ ޓީމުތަކަށާއި ކުލަބުތަކަށް ކުރި އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް، ނިއުޒިލޭންޑްގެ ރިކީ ހާބަޓް ބުނީ، ރާއްޖެއިން އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެފްއޭއެމް ތެރޭގައި ކޯޅުން ބޮޑުވުމުން، ގައުމީ ޓީމަށް މެނޭޖުމެންޓުން ދޭން ޖެހޭ އަހަމިއްޔަތުކަން ކުޑަވުން ކަމަށެވެ.
"އަހަރެން ރާއްޖޭގެ ކޯޗު ކަމާ ހަވާލުވީ ވެސް އަހަރެންވެސް ޑިމާންޑްތަކެއް ކޮށް އެ ކަންކަން ފެޑްރޭޝަނުން ފުރިހަމަކޮށް ދޭނެކަމަށް ވައުދު ވުމުން،" ނިއުޒިލޭންޑް ވޯލްޑްކަޕަށް ކޮލިފައިކޮށްދީ ވޯލްޑްކަޕުގައި ވަރުގަދަ އިޓަލީ ހިފަހައްޓާލި ޓީމުގެ ކޯޗް ބުންޏެވެ.
"އަހަރެން ބުނިން ގައުމީ ޓީމު ތައްޔާރު ކުރުމުގައި އަހަރެން ބޭނުމޭ ގިނަ ފްރެންޑްލީ މެޗުތަކެއް ކުޅެން، އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ފުރިހަމައެއް ނުވޭ، ފެޑެރޭޝަން އޮންނަނީ އަބަދުވެސް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި، އަހަރެން ރާއްޖޭގައި މަސައްކަތް ކުރީ ވަރަށް އެހެންކަހަލަ ހާލަތެއްގެ ތެރެއިން."
ގައުމީ ޓީމުން އަޝްފާގް އެކަހެރި ކުރުމާ ހަމައަށް، މިދިޔަ ތިން އަހަރަށް ބާލާއިރު، ގައުމީ ޓީމުގައި އޭނާގެ ރެކޯޑްތައް މަދެވެ. އޭނާ ކުޅުނު މެޗުތަކުގެ އަދަދު މަދެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަނާ ރާއްޖެއިން ކުރިމަތިލިރު، އެފްއޭއެމްގެ ލީޑާޝިޕުގެ ޒަމާން އޮތީ ގޮސްފަ އެވެ. އެފްއޭއެމް އިންތިހާބުގައި އަޝްފާގް ތާއިދުކޮށް މަސައްކަތް ކުރީ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއެކު އެވެ. އިންތިހާބު ކާމިޔާބު ކުރީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބޫޓާން މެޗާ ހަމައަށް ރާއްޖެއިން ކުޅުނު ފަސް މެޗުގެ ތެރެއިން އަޝްފާގް ކުޅެފައި ވަނީ ދެ މެޗެވެ. ހަ ވަނަ މެޗުގެ ކުރިން އޭނާ ސުކޮޑުން ބާކީ ކުރި އެވެ.
ގައުމީ ޓީމަށް އަޝްފާގް ކުޅުނު، އެ މުއްދަތުގައި އޭނާ އަށް އަނިޔާ އާއި ތަފާތު އެހެން މަައްސަލަތައް ކުރިމަތި ވި އެވެ. ގައުމީ ޓީމުން އޭނާ ބަކީ ކުރުމުން މިދިޔަ ދޮޅު އަހަރު ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ވަރުގެ އަނިޔާއެއް އޭނާ މެދުވެރިވަފައި ނުވެ އެވެ. މިދިޔަ ސީޒަންގައި އާދަޔާ ހިލާފު ހިތްވަރެއް އޭނާ ނެރުނެވެ.
މިފަހަރުގެ ސުކޮޑުން އަޝްފާގަށް ފުރުސަތެއް ނުލިބުނެވެ. ދެން ރަށެއްގައި ކުޅޭ މުބާރާތަކަށް ކުޅެން ދިއުމަކީ އެންމެ ޕްރޮފެޝަނަލް ގޮތެއް ނޫނެވެ. އުމުރުން 34 އަހަރުގައި ގައުމީ ޓީމަށް ނަގާ ކުޅުންތެރިންގެ ވާހަކަ ދުނިޔޭގެ މީޑިއާތަކުން އަޑު އަހަމެވެ. އެ ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމް އާއި އެކަމަށް ދޭ ސާމަލުކަމުގެ ވާހަކަ ކިޔައި ހަދަމެވެ. އޭގެ މިސާލެއްގެ ގޮތުގައި އަވަށްޓެރި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ ނަން އެކަނިވެސް ފުދެ އެވެ. ޗެތުރީއަށް މިހާރު 35 އަހަރެވެ. މިއީ އަޝްފާގްވެސް ދަސް ކުރަން ޖެހޭ ފިލާވަޅެކެވެ.