ވޯލްޑް ކަޕް ކޮލިފިކޭޝަންގައި، ރޭ ސީރިއާ ދެކޮޅަށް ލަނޑު ޖެހި އަލީ އަޝްފާގް (ދަގަނޑޭ) އާ މެދު އުފާވާ ކަމަށާއި، މެޗުން ފެނުނު ކަންތައްތަކުން ދިވެހި ޓީމާމެދު ކުރެވެނީ ޕޮޒެޓިވް އިހްސާސެއް ކަމަށް ރާއްޖޭގެ ކޯޗް ޕިޓާ ޝެގަޓް ބުނެފި އެވެ.
ސަތާރަ މަސް ވަންދެން ގައުމީ ޓީމާ ދުރުގައި ބެހެއްޓި އަޝްފާގް ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު އެ ކުރީ ތިން އަހަރު ފަހުންނެވެ. މީގެ ކުރިން އޭނާ ގައުމީ ޓީމަށް ލަނޑެއް ޖެހީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2016 ވަނަ އަހަރު ބޫޓާން ކޮޅަށް މާލޭގައި ކުޅުނު މެޗުގަ އެވެ.
އެ ލަނޑު ޖެހުމުގެ ކުރިން ވެސް އަޝްފާގަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނާން ދަނިކޮށް ސީރިއާގެ ޑިފެންޑަރު އަހުމަދު އަލް ސާލިހް، އަޝްފާގްގެ ފަހަތުން އޭނާގެ ކޮނޑުގައި އަތް އަޅައި ވައްޓާލީ އެވެ. އެ ފައުލާ ގުޅިގެން ސާލިހަށް ސީދާ ރާތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި އެވެ.
ޝެގަޓް ބުނީ ސީރިއާގެ ޑިފެންޑަރު ރަތް ކާޑެއް ދެއްކި ނަމަވެސް ހެޔޮ ކަމަށް ބަލައި ރިސްކެއް ނަގައިގެން އަޝްފާގް އަށް ފައުލު ކުރީ ޑިފެންޑަރަށް އެހެން ގޮތެއް ނެތުމުން ކަމަށެވެ.
"އަހަރެން ވަރަށް އުފާވޭ އަޝްފާގް އާ މެދު މިއަދު އޭނާ ލަނޑު ޖަހައިފި،" މެޗަށް ފަހު އޮތް ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ. "އޭނާ [ސީރިއާގެ ޑިފެންޑަރު އަހްމަދު އަލް ސާލިހް] ރިސްކެއް ނަގައިގެން ވެސް ރަތް ކާޑު ދެއްކިޔަސް ހެޔޮ ކަމަށް އޭނާ އެ ފައުލު ކުރީ އަޝްފާގް އަށް."
ޝެގަޓް ބުނީ، ސީރިއާގެ ތަފާތަކަށްވީ އެ ޓީމުގެ ސްޓައިކަރު އުމަރު އަލް ސޯމާ ކަމަށެވެ. ސީރިއާގެ މުޅި ގޭމް ބިނާ ކޮށްފައި ވަނީ އޭނާ އަށް ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއިން ރަނގަޅު ފުޓްބޯޅައެއް ކުޅުން ކަމަށް ޝެގަޓް ބުންޏެވެ.
ސީރިއާއިން ލަނޑު ޖެހި ފަހުން ރާއްޖެއިން ވަނީ ލިބުނު ހިލޭ ޖެހުމެއްގައި ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ފޮނުވާލި ހިލޭ ޖެހުން އަހްމަދު ނޫމާން (ހެލްމެޓް) ބޮލުން ފޮނުވާލުމުން އެ ބޯޅަ އެރީ ގޯލްގެ ދަނޑީގެ މައްޗަށެވެ.
ރާއްޖޭގެ ކުޅުމަށް ސީރިއާގެ ކޯޗް ފަޖުރު އިބްރާހިމް ރާއްޖޭގެ ތައުރީފު ކުރިކަން ފާހަގަ ކުރަމުން ޝެގަޓް ބުނީ ކުރިން ޗައިނާގެ ކޯޗް މާސެލޯ ލިއްޕީ އާއި މިހާރު ސީރިއާގެ ކޯޗް ރާއްޖޭގެ ގޭމަށް ތައުރީފް ކުރުމުން އެނގިގެން ދަނީ ރާއްޖޭގައި ރަނގަޅު މުސްތަގުބަލެއް އޮތްކަން ކަމަށެވެ. އެއީ އޭނާއަށްވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
ޝެގަޓް ބުނީ، ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން ރާއްޖެއިން މެޗަށް ނުކުންނަން ޖެހުނީ ޓީމުގެ އެންމެ މުހިންމު ތިން ކުޅުންތެރިން ނުހިމަނާ ކަމަށެވެ. ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ސަސްޕެންޝަންގެ ސަބަބުން ނުކުޅެ އެވެ. ޓީމުގެ މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަނިޔާގެ ސަބަބުން ސްކޮޑާއެކު ދަތުރު ނުކުރެ އެވެ. ޝެގަޓް ބުނީ، ކުރިއަށް އޮތް ފިލިޕީންސް މެޗަށް ނުކުންއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަސްޕެންޝަނެއް ނެތުން ކަމަށެވެ.
"އަހަރެމެންގެ އެންމެ މޮޅު ތިން ކުޅުންތެރިންނާ ނުލައި މިއަދު އަހަރެން ކުޅުނީ، ކުރިއަށް އޮތް [ފިލިޕީންސް] މެޗަށް އެ ކުޅުންތެރިން އަހަންނަށް ލިބޭނެ،" ޝެގަޓް ބުންޏެވެ. "މިއަދު މެޗުން މި ފެނުނު ކަންތައްތަކުން އަހަންނަށް ކުރެވެނީ ވަރަށް ޕޮޒެޓިވް އިހްސާސެއް."
ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދެއްކި ކުޅުން ޝެގަޓް ފާހަގަ ކުރި އެވެ. ފިލިޕީންސް އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު މާލޭގަ އެވެ.