ކުޅިވަރު

ސެންޓޭއާ ރިޒޭ އަލުން ގައުމީ ސްކޮޑަށް ނަގައިފި

މިދިޔަ މަހު ގުއާމް އާ ދެކޮޅަށް ކުޅެން ސްކޮޑަށް ނެގުމުން ޓީމާއެކު ނުދިޔަ އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) މާފަށް އެދުމުން އަލުން ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފި އެވެ.

ކޮލިފިކޭޝަންގައި އަންނަ މަހު މާލޭގައި ފިލިޕީންސް އަދި ގުއާމް އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް، ޓްރޭނިން ކޭމްޕްގައި މެލޭޝިއާއަށް ފުރި ޓީމުގައި ސެންޓޭ އާއި ރިޒޭ ވަނީ ހިމަނާފަ އެވެ.

ގުއާމް އާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗަށް ތައްޔާރު ވުމަށް ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިޔައީ އަވަށްޓެރި ސްރީލަންކާގަ އެވެ. ސްކޮޑަށް ނެގުމުން ރިޒޭ އާއި ސެންޓޭ ވެސް ޓީމާއެކު ގޮސްފަ އެއް ނުވެ އެވެ. އޭގެ ފަހުން ރިޒޭ އާއި ސެންޓޭ ވަނީ އަމިއްލަ ފަރާތްތަކުން ބޭއްވި މުބާރާތްތަކުގައި ކުޅެފަ އެވެ.

ޓީމާއެކު ނުދިއުމުން އެފްއޭއެމުން ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދި އެ ފައިސާ ނުދައްކަނީސް ލީގް މެޗެއްގައި ކުލަބަށް ވެސް ނުކުޅެވޭ ގޮތަށް ހެދި އެވެ. އެންމެ ފަހު އެ ފައިސާއަށް ޖާމިނުވެ އީގަލްސްއިން އެ ފައިސާ ދައްކައި އެ ކުޅުންތެރިންނަށް ލީގް މެޗެއް ނުގެއްލޭ ގޮތަށް ހަދައި ދިނެވެ.

ގައުމީ ޓީމަށް ނެގުމުން ޓީމާއެކު ނުދިއުމަކީ ހެދުނު ގޯހެއް ކަމަށް ބުނެ ދެ ކުޅުންތެރިން ވެސް މިދިޔަ ހަފުތާގައި ވަނީ މާފަށް އެދިފަ އެވެ. ރިޒޭ އާއި ސެންޓޭގެ އެ އަމަލުގެ ސަބަބުން، މިމަހު ސީރިއާ އާ ދެކޮޅަށް ކުޅެން އެކުލަވައިލި ސްކޮޑުން އެ ދެ ކުޅުންތެރިންނަށް ފުރުސަތެއް ނުދެ އެވެ.

ގައުމީ ޓީމާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމަށް ގޮވާލޭވޭ ކޮންމެ ފަހަރަކު ޓީމަށް އިޖާބަ ދޭން ޖެހޭނެ ކަމަށާއި މަގުބޫލު އުޒުރަކާއި ނުލައި ދެން ފުރަގަސް ދީފި ނަމަ މާފެއް ނޯންނާނެ ކަމަށެވެ.

"ގައުމީ ޓީމަށް ގޮވާލާ ކޮންމެ ވަގުތެއްގައި ތި ކުޅުންތެރިން ޖެހޭނެ ގައުމީ ޓީމަށް އަންނަން،" ކުޅުންތެރިންނާ މުހާތަބު ކުރައްވަމުން ބައްސާމް ވިދާޅުވި އެވެ. "މިއީ މިތާނގައި ބައްސާމް އަދީލް ޖަލީލް ހުރީމަ ކޮށްދޭ ކަމެއް ނޫން، މިއީކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ވަކި މީހަކު ހުރެގެން ކޮށްދޭ ކަމެއް ނޫން، މިއީ ގައުމަށް ކޮށްދޭ ކަމެއް."

ބައްސާމް ވިދާޅުވީ ގައުމު ދެކެ ލޯބިވާ ބައެއްގެ ހައިސިއްޔަތުން ގައުމު ތަމްސީލު ކުރަން މެޗުތަކަށް ކުޅުންތެރިން ނުކުންނަނީ ހަނގުރާމައަކަށް ކަމަށެވެ. ހަނގުރާމައަކަށް ނުކުންނައިރު ގައުމު ދިފާއުކޮށް ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މީގެ ފަހުން ގައުމީ ޓީމަށް ގޮވާލުމަށް ފަހު އެ ކުޅުންތެރިޔަކު އިޖާބަ ނުދީފިނަމަ އަލުން އެ ކުޅުންތެރިޔަކަށް ފުރުސަތު ނުދޭން ގައުމީ ޓީމުގެ ކޮމިޓީގައި ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތެއް ނޯންނާނެ ދެން ފުރަގަސް ދީފިއްޔަކާ،" ބައްސާމް ވިދާޅުވި އެވެ. "މާފަށް އެދޭކަށް ކޮންމެ ފަހަރަކު ފުރުސަތެއް ނުދެވޭނެ."