މީރާ

އެމްޑީޕީ ޕީޖީގެ ތާއީދު ފަތުހުﷲއަށް

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގައި މާދަމާ ނަގާ ވޯޓަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕީޖީން މި ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލްވުމުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީޓީ)ގެ މާގަމަށް ފަތުހުﷲ ނުވަތަ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަން ކޮށްދެއްވަން އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އެގޮތުން އިގްތިސޯދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ނިންމީ ސީޖީޓީގެ މަގާމަށް ފަތުހުﷲ އައްޔަން ކުރުމަށެވެ. އެ ނަން މަޖިިލީހުގެ ތަޅުމަށް ފޮނުވަން ވެސް ނިންމި އެވެ.

ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

މީރާގެ ބޯޑުގައި ހިމެނޭ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ވަނީ ހަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ މި ހަ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އާއި މއ. ވިލާރޮދި، އިސްމާއިލް ސާޖިދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީގެ ތާއީދު އޮތީ ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އަށެވެ.