ހަބަރު

ވައުދާ ހިލާފުވާތީ އިންކަމް ޓެކްސްގެ ބިލް ބަދަލު ކުރަންޖެހޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލުގައި، އެމްޑީޕީން ވައުދުވި ގޮތާ ހިލާފަށް 40،000 ރުފިޔާއިން ފެށިގެން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގާ ގޮތަށް އޮތުމުން އެ ކަން ބަދަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިންކަމް ޓެކްސްގެ ބިލުގައި ވަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.

ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އިންކަމް ޓެކްސް ބިލު މިހާރު ފަރުމާ ކޮށްފައި އޮތީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވައުދުވި ގޮތާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރާއިރު އެމްޑީޕީން ވައުދުވި ގޮތާ އެއް ގޮތަށް 60،000 ރުފިޔާއިން ފެށިގެން މަތިން އަމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގާ ގޮތަށް ބިލް ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލުގައިވާ ގޮތުން ޓެކްސް ނެގެން މި ފެށެނީ މަހަކު 40،000 ރުފިޔާ އިން މަތިން އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން އަށް ޕަސެންޓް. އެހެން ނަމަވެސް މި އަދަދަކީ އެމްޑީޕީގެ ކެންޑިޑޭޓުން އެޖެންޑާ 19 ހިފައިގެން ގޮސް ރައްޔިތުންގެ ކައިރީ ވައުދުވި އަދަދެއް ނޫން." މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އިންކަމް ޓެކްސްގެ ބިލް ވާން ޖެހޭނީ އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް އެކުލަވާ ބިލަކަށް ކަމަށެވެ. ނަމަވެސް ބިލު މިހާރު އޮތް ގޮތުން އެ މަގްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވީ ކުންފުނިތަކުގެ ޑިވެންޑުން ޓެކްސް ނަގާ ގޮތަށް ބިލްގައި ނެތް ކަމަށެވެ.

ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވެސް ވިދާޅުވީ 40،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުްނގެ އަތުން ޓެކްސް ނަގާ ގޮތަށް ބިލުގައި އޮތުން ތާއީދު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޓީ މަރުހަލާގައި އިންކަމް ޓެކްސް ނެގެން ފެށޭ ޓްރެޝްހޯލްޑަކީ 60،000 ރުފިޔާގެ އާމްދަނީން ފެށިގެން މަތީ އާމްދަނީ ލިބޭ މީހުން ކަމުގައި ކަނޑައަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިވިޑެންޑުން ޓެކްސް ނަގާ ކަން ފާހަގަ ކުރައްވަމުން ހުސައިން ވިދާޅުވީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަ ކުރުމުގެ މަގްސަދުގައި އިންކަމް ޓެކްސް ނެގޭއިރު ޑިވިޑެންޑުން ޓެކްސް ނަގާ ގޮތަށް އިންކަމް ޓެކްސްގެ ބިލް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އިންކަމް ޓެކްސްގެ ބިލަށް ތާއީދު ކުރެވެން އޮތީ އިތުރު އިސްލާހުތަކަކާ އެކުގައި ކަމަށެވެ. އެ ގޮތުން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް އިހުތިރާމުކޮށް އެ ވައުދުގައިވާ ގޮތަށް އިންކަމް ޓެކްސްގެ ބިލު ފަރުމާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީންވީ ވައުދަށް އިހުތިރާމް ކުރަން ޖެހޭނެ، އަޅުގަނޑުމެން ވައުދުވިން އިންކަމް ޓެކްސް ނަގަން ފަށާނީ 60،000 ރުފިޔާއިން ފެށިގެން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށް. އެ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނު އޮންނަން ވާނީ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ނަމަވެސް ވިޔަފާރިތަކާއި ކުންފުނިތަކުގެ ޑިވިޑެންޑުން ޓެކްސް ނަގަން އަނދުން ހުސައިން ތާއީދެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޓެކްސްތަކުގެ ގާނޫނުތައް އޮންނަން ވާނީ ވިޔަފާރިތައް ފުނޑިގެން ދާނެ ގޮތަކަށް ނޫން ކަމަށެވެ. ޑިވިޑެންޑުން ޓެކްސް ނަގަން ފަށައިފިނަމަ ބައެއް ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުގެ ވިޔަފާރިވެރިން ދަރަނިވެރިވެ، ގެދޮރު ވިއްކާ ހިސާބަށް ދުއްވާލުމެއް ނޫން ޓެކްސް ނެގުމަކީ. އެހެންވިމާ އަޅުގަނޑު ބާރުލާފައި ދަަންނަވަން ޑިވިޑެންޓުން ޓެކްސް ނެގުމަކީ މިހާރަށް ކުރަންވާވަރު ކަމެއް ނޫނޭ، ޑިވިޑެންޑުން ޓެކްސް ނަގަން ފަށައިފިއްޔާ ވިޔަފާރިތައް ނުހިނގި އިގްތިސާދު ހުއްޓިދާނެ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ސަރުކާރުން ފޮނުވި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގަނީ 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ބިލުގައިވެ އެވެ.

އެމްޑީޕީގެ "އެޖެންޑާ 19" ގެ ކަރުދާހުގައި ވަނީ 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ ކަމަށާއި 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށާއި އެއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.