ރާއްޖެ ކުޅިވަރު

އަކުރަމް ވެސް ނިއުގެ ކޮންޓުރެކްޓް އާކޮށްފި

ނިއު ރޭޑިއަންޓަށް ކުޅެމުންދާ ގައުމީ ޓީމުގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ ނިއުގެ ކޮންޓުރެކްޓް އިތުރު ދެ އަހަރަށް އާކޮށްފި އެވެ.

ނިއުއާއެކު އަކުރަމް މިހާރު ހަދައިފައިވާ ކޮންޓުރެކްޓް ހަމަވާނީ 2016 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

ކްލަބް ވެލެންސިއާ އިން 2006 ވަނަ އަހަރު ކެރިއަރު ފެށި އަކުރަމް ވަނީ ފާއިތުވި ދެ ސީޒަންގައި ވެސް ނިއުއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަކުރަމް ވަނީ މީގެ ކުރިން މާޒިޔާ އާއި ވީބީ އަދި ވިކްޓަރީ އަށް ވެސް ކުޅެފަ އެވެ.

ނިއުގެ މުހިންމު ޑިފެންޑަރެއް ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) ވެސް ވަނީ އިތުރު ދެ އަހަރަށް އެ ކްލަބްގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.

ނިއުގެ މުހިންމު ކުޅުންތެރިން ކަމަށްވާ މުހައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އަދި ޝާފިއު އަހުމަދު (ޝާފީ) އެ ކްލަބާއެކު ހަދައިފައިވާ ކޮންޓުރެކްޓް ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ.

ނިއު އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައްސަދު އަލީ (އަޑުބަރޭ) އާއި ރިލްވާން ވަހީދު (ރިލޭ) ގެނެސްފަ އެވެ. މީގެ އިތުރުން ބްރެޒިލްގެ ދެ ކުޅުންތެރިންނާއި ސްޕެއިންގެ ގޯލްކީޕަރެއް ވެސް ވަނީ ނިއުއާ ގުޅިފަ އެވެ.