ގައުމީ ދުވަސް

ގައުމީ ދުވަހުގެ ޖަލްސާ އުމަރު ޒާހިރު "ބޮއިކޮޓް" ކުރައްވައިފި

އެމްޑީއެން މައްސަލާގައި ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާތީ މިރޭ ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ "ބޮއިކޮޓް" ކުރައްވާ ކަމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަފުޅު ދައްކަވަމުން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގެ ދައުވަތު ލިބިވަޑައިގެންފައިވީ ނަމަވެސް އެ ޖަލްސާއަށް ވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ ކުރިން މިފަދަ ހުރިހާ ރަސްމިއްޔާތުތަކަކަށްވެސް ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާއި ގުޅިގެން ބާއްވަވާ ރަސްމީ ޖަލްސާ "ބޮއިކޮޓް" ކުރައްވަން ނިންމެވީ އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާތީ އެވެ.

"އެމްޑީއެންގެ މައްސަލައަކީ ދީނީ ބޮޑު މައްސަލައެއް. އެފަދަ މައްސަލައަކަށް ސަރުކާރުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ. ނަމަވެސް އަޅުގަނޑަށް މި ފެންނަނީ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ފެއިލްވެފައިވާ މަންޒަރު. އެހެންވީމަ މިރޭގެ ޖަލްސާ މި 'ބޮއިކޮޓް' ކުރަނީ." އުމަރު ޒާހިރު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ޚިދުމަތްތެރި ވަޒީރުގެ ގޮތުގައި ފާހަގަކުރެވިފައިވާ އުމަރު ޒާހިރަކީ މި ސަރުކާރު ގެނައުމަށް ތާއީދުކޮށް ކެންޕެއިންގައިވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި އުމަރު ގެންދަވަނީ ސަރުކާރުން ބާއްވަވާ ހުރިހާ ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މިފަދަ ޖަލްސާއެއް އުމަރު ޒާހިރު "ބޮއިކޮޓް" ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ވަނީ ގޮވާލާފައެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ދަނީ މުޒާހަރާ ކުރަމުންނެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާއިރު އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.