ހަބަރު

އަފްރާޝީމާ، މަޖީދަށް ޝަރަފުވެރިކަން

އަނިޔާވެރިގޮތަށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި އަވަހާރަވެފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެވެ.

އެ ދެ ބޭފުޅުންނާއެކު އިތުރު ތިން ބޭފުޅަކަށްވެސް މިއަހަރު ވަނީ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވިއެވެ.

މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޫބަރު 1، 2012 ގައެވެ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނިކޮށް ފެނިފައިވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ހެންވޭރު ފުންވިލުގޭގެ ސިޑިކައިރިންނެވެ.

އަފްރާޝިމަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. އެގޮތުން މަޖިލީހުގެ މެންބަރުކަމާ، ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވިއެވެ. އަދި ދީނީ އިލްމު ފެތުރުމުގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވީ މެއި 22، 2018 ގައެވެ. އެމަނިކުފާނު އަވަހާރަވީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުން

  • ޑރ. އަފްރާޝީމް އަލީ
  • ޑރ. އަބްދުއްމަޖީދު އަބްދުއްބާރީ
  • ސައްޔިދު އަލީ
  • އަލްމަރްހޫމް ސައްޔިދު ހަސަން
  • މުހައްމަދު ވަހީދު (މަޑުލު)

މިއަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސައްޔިދު ހަސަނަކީ ދިވެހި ތާރީޚު ދުށް އެންމެ ކާމިޔާބު ކުޅިވަރު ކުޅުންތެރިއާއެވެ. އެގޮތުން 1970 ގެ ތެރޭގައި ބޭއްވުނު ހުރިހާ މުބާރާތްތަކެއްގައި ބައިވެރިވެ ރަން ވަނަތަކެއް އޭނާ ވަނީ ހޯއްދަވާފައެވެ. ސައްޔިދު ހަސަން ވަނީ ފުޓްބޯޅަ، ވޮލީ ބޯޅަ، ހޮކީ، ޗެސް އަދި ޓީޓީއާ ބައިސްކަލް ރޭސްތަކުގައި ވެސް ވާދަ ކުރައްވާ ރަން ވަނަތައް ވަނީ ހޯއްދަވާފައެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސައްޔިދު އަލީއަކީ ވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވަރަށް ޅަ އުމުރުގައި ކުޅިވަރު ކުޅުއްވަން ފެއްޓެވި ސައްޔިދު އަލީ ވަނީ ވޮލީ، ފުޓްބޯޅަ، ކްރިކެޓް އަދި ޓެނިސް ކުޅުއްވާފައެވެ.

ސައްޔިދު އަލީއަކީ މޮޅު ގޯލް ކީޕަރެކެވެ. އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗްކަންވެސް ވަނީ ކުރައްވާފަ އެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މަޑުލު މުހައްމަދު ވަހީދަކީ ދިވެހި އަދަބިއްޔާތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.