އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރުކޮށް އޭގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް މިއަދު ވިދާޅުވީ އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ބާރުގަދަ ތޫފާން، "ކިޔާރު" ގެ އަަސަރު ރާއްޖެއަށްކޮށް އޭގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތު، ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަ ގަޑި އިރުގެ ތެރޭގައި ތޫފާނުގެ އަސަރު ދަށްވާނެ ކަމަށް ލަފާވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް 48 ގަޑިއިރު މުޅި ރާއްޖެ އަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެއްވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވިއްސާރަ ތިން ދުވަހަށް ދެމިގެން ދާނެ އެވެ. މޫސުން އެންމެ ގޯސްވާނެ ކަމަށް އޭނާ ލަފާ ކުރެވެނީ އުތުރާއި މެދު އަތޮޅުތަކުގެ ސަރަހައްދުތަކަށެވެ. އަދި، އެ ސަރަހައްދުގައި ކަނޑު ގަދަ ވާނެތީ، ކަނޑުދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އިން ވ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓެއް ވެސް ނެރެފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިިރު އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ފަސް މޭލުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި 40 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ،