ހަބަރު

ނޫމަޑި މައްސަލައާ ގުޅިގެން މުއިއްޒު ކޮމިޓީއަށް ހާޒިރު ކުރަނީ

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތަށް އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ދައްކަން ޖެހުމުން އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން މުއިއްޒު އާބިޓްރޭޝަނަށް ވަނީ ބަޔާން ދީފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވާފައިވާ ބަޔާންތައް އެ ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އެ ބަޔާންތައް ދިރާސާ ކުރުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު ކޮމިޓީއަށް މުއިއްޒު ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ.

މި ސަރުކާރުން މިހާރު ވަނީ ނޫމަޑިއާއެކު ސެޓަލްމަންޓް އެގްރިމެންޓެއްގައި މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. އޭގައި އެއްބަސްވެވުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ ގާތްގަނޑަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ކުރީ ސަރުކާރުން ނޫމަޑިއާއެކު ވެފައިވާ އެއް އެއްބަސްވުމަކީ 600 ހައުސިނިް ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާ ނިޒާމު ތަރައްގީ ކުރަން މެއި 30. 2013 ގައި ވެފައިވާ އެއްބަސްވުމެވެ.

މި އެއްބަސްވުންތައް ބާތިލް ކޮށްފައިވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނި ކޮށެވެ.