ވިޔަފާރި

އެމްޓީސީސީ އިން ސިގްމާ ދަވާދު އަގު ހެޔޮކޮށްލައިފި

Aug 15, 2015

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ ސިގްމާ މެރީން ކޯޓިންގް އަދި ސިގްމާ އިންޑަސްޓްރިއަލް ކޯޓިންގް ކުލަ އަށް ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

ސިގްމާ ވީކްގެ ނަމުގައި މިއަދުން ފެށިގެން މި މަހުގެ 20 އަށް އެމްޓީސީސީ އިން ބާއްވާ ޕްރޮމޯޝަންގައި ސިގްމާ ކޯޓިންގް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި ކުންފުނިތަށް އަދި އިންޑަސްޓްރިއަލް ސައިޓުތަކުގައި އުޅޭ ފަރާތްތަކަށް ދޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ސިގްމާ ކުލަ ގަންނަ ފަރާތްތަކަށް 10 ޕަސަންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް ވިދާޅުވީ އެމްޓީސީސީ އިން މިއަހަރު ކުރިއަށް ގެންދާ ސިގްމާ ޕްރޮމޯޝަންގެ ބޭނުމަކީ ޕްރޮޑަކްޓްގެ ފުރިހަމަ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ސިގްމާ ކޯޓިންގް އަކީ ދުނިޔޭގެ ފެންވަރުގައި އޮޑިދޯނި ފަހަރުގައި ލުމަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓްކަން މި ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ބުނެދެވޭނެ ކަމަށެވެ.

"މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ބޮޑު އަގު ދީގެން ހަދާ ދޯނި ފަހަރުތަށް ހަލާކު ވެގެން ދިއުން ހުއްޓުވާ ރަނގަޅު ޕްރޮޑަކްޓް އެއް ކަސްޓަމަރުންނަށް ސައްހަ މައުލޫމަތަކާ އެކީ ފޯރު ކޮށްދިނުން،" ހަލީމް ވިދާޅުވި އެވެ.

ސިގްމާ މެރީން އަދި އިންޑަސްޓްރިއަލް ކޯޓިންގް އަކީ 1996 އިން ފެށިގެން އެމްޓީސީސީ އިން ވިއްކަމުން ގެންދަވާ ޕްރޮޑަކްޓް އެކެވެ.