ހަބަރު

އިންތިގާލީ އިންސާފްގެ ބިލް: އަނިޔާތަކަށް މާލީ ބަދަލު ދެނީ

ވޭތުވެދިޔަ އަހަރުތަކުގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ޝިކާރައަކަށްވެ އަނިޔާ ލިބިފައިވާ މީހުންނަށް މާލީ ބަދަލުތަކާއި އެހެނިހެން ބަދަލުތައް ލިބޭ ގޮތަށް އިންތިގާލީ އިންސާފުގެ ބިލްގައި ހިމަނައިފި އެވެ.

އިންތިގާލީ އިންސާފުގެ ބިލްގެ ބޭނުމަކީ 2012 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފަރާތުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުމެވެ. -- އެއީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން ރައީސް މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ ކަންކަމެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި އިންތިގާލީ އިންސާފުގެ ބިލުގައި ބުނެފައި ވަނީ އިންސާފު ގާއިމު ކުރުމަށް "އޮމްބަޑްސްމަން" އޮފީހެއް އެކުލަވާލަން ޖެހޭ ކަމަށާއި އެ އޮފީހަށް ތިން އޮމްބަޑްސްމަނުން ރައީސް އައްޔަން ކުރަން ޖެހޭ ކަމަށެވެ. އަދި ތަހުގީގު ކުރުމުގެ ބާރާއި، ހެކި ބަހާއި ބަޔާން ނެގުމުގެ ބާރުގެ އިތުރުން ދައުވާ ކުރުމަށް ފޮނުވުމުގެ ބާރު ވެސް އެ އޮފީހަށް ލިބެ އެވެ.

ބިލުގައި ބުނާ ގޮތުން އޮމްބަޑްސްމަން އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސް ނެގުމަށް ބަލާ މައްސަލައެއްގައި ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވީ ފަރާތަށް ބަދަލު ދިނުމުގެ އިހުތިޔާރު އެ އޮފީހަށް ލިބިގެންވެ އެވެ.

އެގޮތުން މާލީ ބަދަލު ދޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެވެ. އަދި ވަޒީފާއެއް އަދާ ކުރަމުން ދިޔަ މީހަކަށްވެފައި ލިބުނު އަނިޔާގެ ސަބަބުން ވަޒީފާ އަދާ ނުކުރެވިދިޔަ މުއްދަތަށް ލިބެން ޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ނުވަތަ ވަޒީފާ އަދާ ނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާއި އެއްވަރުގެ ބަދަލު ދިނުން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން އަނިޔާއަށް ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު ނުވަތަ އެ ކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާއަށް ކުރަން ޖެހޭ ހަރަދުގެ ބަދަލު ވެސް ދޭން ޖެހޭ ކަމަށް ބިލުގައިވެ އެވެ.

އަނިޔާގެ ސަބަބުން މާއްދީ ގޮތުން ހަށިގަނޑަށް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ ހަށިގަނޑުގެ ގުނަވަނެއް ނެތިދިއުން ނޫނީ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް މާލީ ނޫން ބަދަލު ދެވިދާނެ ކަމަށް ބިލުގައިވެ އެވެ. އެގޮތް އަނިޔާގައި ކުރިމަތިވި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ހާލަތުގައި ވަޒީފާއެއް ލިބުމަށް ނުވަތަ އަދާ ކުރުމަށް ހުރި ހުރަސްތަކަށް އަދި އަނިޔާގައި ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުގެ ސަބަބުން ލިބުނު ގެއްލުމަށް ވެސް މާލީ ނޫން ބަދަލު ދެވިދާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އޮމްބަޑްސްމަން އޮފީހަށް އަަނިޔާގެ ބަދަލު ހޯދަން ހުށަހެޅުމެއް ލިބިއްޖެ ނަމަ އެއާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގައި ހެއްކަށް ރިއާޔަތް ކުރާއިރު އެއީ ކުށުގެ އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު މީހެއް ކަމަށް އެ އޮފީހަށް ފެނިއްޖެ ހިނދެއްގައި އެ އޮފީހުން އޭނާއަށް ބަދަލު ދިނުމަށް ކަނޑައަޅާނެ އެވެ. އެގޮތުން ބަދަލު ނަގައިދޭނެ ދާއިރާއާއި އެ ކަންކަން ހަމަޖައްސާނެ އިދާރާގެ އިތުރުން ވަގުތުން ވަގުތަށް ނަގައިދޭން ޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލެއްވާނަމަ އެ ކަންކަން ވެސް އޮފީހަށް ކަނޑައެޅޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައިވާ ގޮތުން އަނިޔާ ލިބުނު ފަރާތަށް އިތުރު ފަރުވާ ބޭނުންވާނަމަ އެ މީހަކަށް އިތުރު ފަރުވާ ހޯދައިދިނުމަށް ވެސް އޮމްބަޑްސްމަން އޮފީހަށް ކަނޑައެޅިދާނެ އެވެ. އަދި އެ ފަރުވާތަކާއި އެ ފަރުވާ ހޯދައި ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް އެ ބިލްގެ ދަށުން ހަދަން ޖެހޭ ގަވާއިދުގައި ހިމަނަން ބިލްގައި ބުނެ އެވެ.