ނަމަވެސް ދިވެހިން ވެސް ނިކަން ކުޅަދާނަ އަންހެން ލަވަކިޔުންތެރިން ދެކެފި އެވެ. ޖޭމު ދޮންކަމަނަ އަކާއި ލޯފަން މަރްޔަމް ދީދީ އަކާއި ޖަމީލާ ހަސަނެއްގެ ރަން ޒަމާނެއް ވެސް ދިޔަ އެވެ. އޮލިމްޕިއަންސް ބޭންޑުން ސުޕަސްޓާރުންނަށް ބަދަލުވި ފާތުމަތު ރައޫފާއި ޝަފީގާ އަކީ ވެސް ދިވެހިން މޮޔަކޮށްލި ދެ އަޑެވެ.
އޭގެ ތަންކޮޅެއް ފަހަށް ޖެހިލާއިރު މި އިވެނީ ޝިފާ ތައުފީގާއި ފާތުމަތު ޒޫނާ އާއި އިޔާނާ އާއި ފަޒީލާ އާމިރު އަދި ރާފިޔަތު ރަމީޒާ ފަދަ ކުޅަދާނަ ލަވަކިޔުންތެރިންގެ ހިތްގައިމު އެކި ވޯކަލް ރޭންޖުތަކެވެ.
ނަމަވެސް މިއަދުގެ ރޭހުގައި މިއިން އެއްވެސް ލަވަކިޔުންތެރިޔަކު ނުހިމެނެ އެވެ. އެހުރިހައި ލަވަކިޔުންތެރިންގެ ކެރިއަރަށް އެ ވަނީ ގާތްގަނޑަކަށް ތަރި އޮއްސިފަ އެވެ. އެ ލިސްޓަށް ބަލާއިރު މެއިންސްޓްރީމްގައި މިހާރު ކިރިޔާ ވެސް ހިފަހައްޓާލެވެނީ ދިވެހި ލަވައިގެ ދުނިޔޭގައި ކުރިން ވެރިކަން ކުރި "ރަމީޒު" އާއިލާގެ މުސްކުޅި ނުވި އަޑު، ރާފިޔަތު ރަމީޒާ އެވެ.
ދެން ތިބި ފަންނާނުން މިހާރު އެއްގޮތަކަށް ވެސް ލަވައެއް ނުކިޔައޭ ބުންޏަސް ރަނގަޅުވާނެ އެވެ.
އެހެންވީމަ މިފަހަރުގެ ހޮވުމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި ހަމަ އެ ވަރަށް މަޝްހޫރު މީރާ މުހައްމަދު އެވެ. ޔަގީނަށް ވެސް މި ދެ ލަވަކިޔުންތެރިންނަކީ އެމީހުންގެ ހުނަރާއި މަޝްހޫރުކަމަށް ބަލަނީ ނަމަ ދިވެހިންގެ މިއުޒިކްގެ ސްޓޭޖުން މިއަދު ފެންނަން ނެތް ވަރުގެ މަޝްހޫރު ކަމަކާއި މަގްބޫލުކަމެއް އާންމުންގެ މެދުގައި ހޯދާފައިވާ ދެ ފަންނާނުންނެވެ.
މި ދެ މީހުންގެ ކުޅަދާނަ ކަމަށް ހިޔާލެއް ހޯދާލަން މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަ އިއްބެ އަށް ގުޅާލުމުން އޭނާގެ އަތުގައި އެ ސުވާލަށް ދޭނެ ޖަވާބެއް ނެތީ ވެސް މި ސަބަބާ ހެދި އެވެ.
"މިއީ ހުނަރުގެ ގޮތުން ވަކި މީހަކު މޮޅު ކަމަށް އަދި ވަކި މީހަކު ދެރަ ކަމަށް ނިންމޭ ވަރަށް ވުރެ ކުޅަދާނަ ދެ ފަންނާނުން އަޅުގަނޑުގެ ނަޒަރުގައި. އެހެންވީމަ ނޭނގޭ ތި ދެ މީހުން ޖަޖުކުރާނެ ގޮތެއް ވެސް،" ކުޑަ އިއްބެ ބުންޏެވެ.
އެއީ ތެދަކަށް ވެދާނެ އެވެ.
އަނެއްކޮޅުން މި ދެ ލަވަކިޔުންތެރިން ނިސްބަތް ވަނީ ވެސް ދިވެހި މިއުޒިކްގެ ނުލާހިކު މަޝްހޫރު އަދި އެހާމެ ވަރުގަދަ ދެ އާއިލާއެއްގެ ބޭފުޅުންނަށެވެ. އުނޫޝާގެ މަންމަ އާއި ބައްޕަ އަކީ ރާއްޖޭގައި ލެޖެންޑަރީ މަގާމެއް ކަށަވަރުކޮށްފައިވާ މިއުޒިކް ބޭންޑް އޮލިމްޕިއަންސްގެ ކުރީގެ ދެ ސުޕަސްޓާރުން ކަމުގައިވީ ޝަފީގާ އާއި އިމާދު އިސްމާއީލް އެވެ.
މީރާގެ ބައްޕަ އަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ މަޝްހޫރު މެޒޯ މުހައްމަދު ނުވަތަ މެޒޯ މޯޑެވެ. އެހެންވީމަ މި ފެންވަރުގެ ފަންނާނުންތަކެއްގެ ދަރިންގެ ގޮތުގައި ބޮޑުވެފައިވާ އުނޫޝާ އާއި މީރާ އަށް ފާޑެއްކިޔަން ކޮންމެ މީހަކަށް ވެސް އުނދަގޫވާނެ އެވެ. ނުވަތަ މި ދެ ލަވަކިޔުންތެރިންގެ ތެރެއިން މޮޅީ މިވެނި މީހެކޭ ބުނަން ބައެއް މީހުންނަށް އުނދަގޫވެދާނެ އެވެ. ނުވަތަ ޖެހިލުން ވެސް ވެދާނެ އެވެ.
ނަމަވެސް މަޝްހޫރު އަދި އެހާމެ ތަޖުރިބާކާރު ލަވަކިޔުންތެރިޔާ ޒޫނާގެ ހިޔާލުގައި ވާހަކަ ދައްކަން ޖެހޭނީ ހަގީގަތަށެވެ. އަދި ކަން އޮތް ގޮތަށެވެ.
"ހުރިހާ އެންމެން އެއްވަރެއް ނުވާނެ ދެއްތޯ؟ ހުރިހާ އެންމެންގެ އެއް އަޑެއް ވެސް ނުހުންނާނެ. އެއް ފެންވަރެއް ވެސް ނުހުންނާނެ. އެހެންވީމަ އެކަން ގަބޫލުކުރަން ޖެހޭނެ އަޅުގަނޑުމެން އެންމެން،" އުނޫޝާ އާއި މީރާގެ ފެންވަރާއި ދެ މީހުން ހޯދާފައިވާ މަގްބޫލުކަމަށް ހިޔާލެއް ހޯދަން ގުޅާލުމުން ޒޫނާގެ ވާހަކަ ފަށައިގަތީ މިހެންނެވެ.
"މީރާ އަކީ ވަރަށް ރީތި އަޑެއް ލިބިފައިވާ އަދި އެހާމެ މޮޅަށް ލަވަ ވެސް ކިޔާ ކުއްޖެއް. ސްކޫލް މުބާރާތްތަކުގައި ވެސް ވަރަށް މޮޅަށް ލަވަކިޔާފައިވާ ކުއްޖެއް. އަޅުގަނޑުގެ ދަރިވަރެކޭ ވެސް ދެންނެވިދާނެ. އެއީ ކުރިން އަޅުގަނޑުމެންގެ ގެއަށް އައިސް އަޅުގަނޑު ގާތުން ލަވަ ދަސްކޮށް އުޅުނު ކުއްޖަކަށްވީމަ"
"ނަމަވެސް ބުނަން ޖެހޭނީ މީރާއާ އުނޫޝާ އަޅާކިރަން ވެއްޖެއްޔާ ދެންނެވޭނީ އުނޫޝާ ދެން މާ މޮޅުވާނެޔޭ އިނގޭތޯ. މާ މޮޅުވާނެއޭ އުނޫޝާ."
ޒޫނާގެ ޓްރޭޑްމާކް ރާގަށް ދަމާލާފައި ބުނެލީ މިހެންނެވެ. އޭނާ ބުނީ އުނޫޝާ އާއި މީރާ އަޅާކިޔާއިރު ހުރިހާ ދިމާލަކުން ވެސް އުނޫޝާ އަށް އެޑްވާންޓޭޑް ބޮޑު ކަމަށެވެ. އެގޮތުން އުނޫޝާގެ ކޮޅަށް މި ރޭސް ފަސޭހަކަމާ އެކު ބުރަވާއިރު އޭގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ދެ މީހުންގެ ތަޖުރިބާ ކަމަށެވެ.
ނަމަވެސް މީރާ މިފަހުން އާންމުންގެ މެދުގައި ހޯދާފައިވާ މަގްބޫލުކަން އާދަޔާހިލާފަށް ބޮޑުކަމަށް ޒޫނާ ވެސް އެއްބަސްވެ އެވެ. އަދި ޓީވީގެ މަޝްހޫރު ލަވަ ޝޯ "އެހަނދާނުގައި" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މީރާ އާއި އުނޫޝާއާ އެކު ވެސް މަސައްކަތްކޮށްފައިވާ މުޖުތަބާ އަބްދުލް ކަރީމް (މުޖޫ) ވެސް ބުނީ މަގްބޫލު ކަމަށް ބަލާއިރު މީރާ މި ދުވަސްކޮޅު މާ ބޮޑަށް ވެސް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.
ޒޫނާ ފަދައިން މުޖޫ ވެސް އެއްބަސްވާ އެއް ކަމެއް އެބައޮތެވެ. ތަޖުރިބާގެ ގޮތުން އަދި ލަވަކިޔުމުގެ ހުނަރަށް ބަލާއިރު ރޭހުގެ ކުރީގައި އުޅެނީ އުނޫޝާ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މީރާގެ މަގްބޫލުކަން މިފަހުން ކުއްލިއަކަށް އަރައިގެން ދިޔައީ ދިވެހި މަޝްހޫރު ލަވަތަކެއްގެ ކަވާ ސޯންގްސްތަކެއް އޭނާ ރިކޯޑްކުރި ހިސާބުން،" މުޖޫ ބުންޏެވެ.
"ދިވެހިންގެ މެދުގައި މަގްބޫލު މިފަދަ ލަވަތަކެއް އޭނާ ހަމަ އެހާ ރީއްޗަށް ކިޔައި އާންމުކުރުމަކީ އޭނާގެ މަގްބޫލުކަން ވަރަށް ބޮޑުވެގެން ދިޔަ ސަބަބެއް."
އެއީ ތެދެކެވެ. މީރާ އަކީ އިހަށް ދުވަހަކާ ޖެހެންދެން މިވަރަށް މަޝްހޫރު ލަވަކިޔުންތެރިއެއް ނޫނެވެ. މަގްބޫލު ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާ އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ މުޖޫ ޕްރޮޑިއުސަރަކަށް ހުރެގެން އުފެއްދި "އެހަނދާނުގައި" ޝޯތަކުންކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެގޮތުން ޝައްމޫންއާ އެކު ހުށަހަޅައިދިން "މަލެކޭ" އާއި އައްމަޑޭއާ އެކު ހުށަހަޅައިދިން "އަދު މިހާލާތު" އަކީ ރޮކެޓެއްހެން މީރާގެ މަގްބޫލުކަން ކުއްލިއަކަށް މައްޗަށް ޖައްސާލި ދެ ލަވަ އެވެ. ފާހަގަކޮށްލަން ޖެހެނީ އޭރު ވެސް އުނޫޝާ އަކީ ރާއްޖޭގައި ނެތް ވަރުގެ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ފަރާތެއް ކަމެވެ.
ނަވަމެސް ދިވެހިންގެ މެދުގައި ނިކަން މަގްބޫލު ބްރޭންޑަކަށް ބަދަލުވި "އެހަނދާނުގައި" ގެ ޝޯތަކަށް ލަވަނުކިޔަން އުނޫޝާ ނިންމުމަކީ އޭނާގެ މަގްބޫލުކަމަށް ކޮންމެވެސް ވަރެއްގެ ފަނޑުކަމެއް ގެނުވި ނިންމުމެއް ކަމަށް ބުނެވިދާނެ އެވެ. މީރާ ވެސް އެހަނދާނުގެ ސްޓައިލަށް ލަވަނުކިޔަން ނިންމި އަޑު އެރި އެވެ.
ނަމަވެސް އަލުން އެ ޝޯ އަށް އެރުމަކީ ޔަގީނަށް ވެސް އާންމުންގެ މެދުގައި މިއަދު މީރާ އަށް ލިބިފައިވާ މަގްބޫލުކަމުގެ ބޮޑު ހިއްސާއެކެވެ.
އެހެންވީމަ ޖެނުއިން ސްޓާރަކީ އުނޫޝާ ހެއްޔެވެ؟ އަދި މީރާ އަކީ ހަމައެކަނި ދައްކާލުމެއް ހެއްޔެވެ؟ ނޫނެކެވެ. މި ދެ ލަވަކިޔުންތެރިންނަކީ ވެސް ހުނަރުގެ ގޮތުން ވަރަށް ކުރީގައި އުޅޭ ދެ ފަންނާނުންނެވެ.
އުނޫޝާ އަށް ހުރިހާ ދިމާލަކުން ކްރެޑިޓް ދޭން މަސައްކަތްކުރި ޒޫނާ ވެސް ބުނަނީ އުނޫޝާ އަށް ވުރެ މީރާ މޮޅުކަމަށް ފާހަގަކުރެވޭ ދިމާލެއް ވެސް އެބައުޅޭ ކަމަށެވެ.
"މީރާގެ އަޑަކީ އުނޫޝާ އަށް ވުރެ ތަފާތު އަޑެއް. މީރާ ވަރަށް ރީއްޗަށް ކިޔާފާނެ ހިންދީ ކްލެސިކަލް ލަވަތަކުގެ ރާގަށް ވެސް ލަވަ ހަމަ އެގޮތުގައި. އެކަމަކު އުނޫޝާއަކާ އެ ވައްތަރުގެ ލަވަތަކެއް ނުގުޅޭނެ،" ޒޫނާ ކިޔައިދިނެވެ.
"ހިންދީ ރާގުތަކުގެ އެންމެ ހިމަހިމަ ހާމޮނީތައް ހިމެނޭ ވައްތަރުގެ ލަވަތައް މީރާ ފުދޭވަރަކަށް ހައިކޮށް ކިޔާނެއޭ އަޅުގަނޑު ބުނާނީ. އެކަމަކު އުނޫޝާއަކާ މި ސްޓައިލް ނުގުޅޭއިރު ބުނެވޭނީ ލަތާ އަދި އާޝާ ސްޓައިލްގެ ލަވަ އުނޫޝާ އަށް ނުވެސް ކިޔޭނެޔޭ އެގޮތަކަށް."
ޒޫނާ ދެން ޖަހާލީ ހިނިގަނޑެކެވެ. އެއަށް ފަހު ދެން ބުނީ މިހެންނެވެ.
"ދެން މިހެން ނުކިޔޭނެޔޭ ބުނެގެން އޭގެ ލަވައެއް އުނޫޝާ ކިޔާލައިފިއްޔާ ވަރަށް އުފާވެސް ވާނެ."
މިމޭރުމުން މި ދެ ފަންނާނުންނަށް ފާޑުކިޔަމުން ގޮސް ޒޫނާ ބުނީ މިއަދުގެ މިއުޒިކް ސީން އޮތް ގޮތުން ވަކި މީހަކު މޮޅުކޮށްފައި ޕްރޮމޯޓްކުރުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.
"މިސާލަކަށް މިހާރު ހަމަ ބުނަންވީ އެންމެ މޮޅު މީހަކީ މިވެނި ލަވަކިޔުންތެރިޔެކޭ. ދެން އެހެންވީމަ އެގޮތަށް ޕްރޮމޯޓްކުރީމަ ކޮންމެ ތަނަކަށް އެރުވިޔަސް އެމީހަކު މި އަރުވަނީ،" މީރާ އަށް ކުއްލިއަކަށް ލިބުނު މަގްބޫލުކަމަކީ އޭނާ އަށް ޝޯތަކުން މިފަހުން ލިބުނު ގިނަ ފުރުސަތުގެ ފައިދާތޯ ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދީ ޒޫނާ ބުނެލީ މިހެންނެވެ.
ފަހަރެއްގައި ޒޫނާ އެ އިޝާރާތްކުރަނީ މީރާ އާންމުންގެ ތެރޭގައި މިއަދު މަޝްހޫރުވެފައިވާ ގޮތަށެވެ. ނަމަވެސް ތަޖުރިބާކާރު މިއުޒިކް ޕްރޮޑިއުސަރު ޝާޒު ސައީދު ގަބޫލުކުރާ ގޮތުގައި މީރާގެ މަޝްހޫރުކަމާއި މަގްބޫލުކަމުގެ ފަހަތުގައި ވަނީ ސީދާ އޭނާގެ ޖެނުއިން ހުނަރެވެ.
"މީރާ މިހާރު ކުއްލިއަކަށް މަޝްހޫރުވެގެން އުޅެނީ ޝޯތަކަކުން ފުރުސަތު ލިބިގެންނޭ ބުނާ ވާހަކައިގައި ހަގީގަތެއް ނެތް. އެއީ މިހާރު ދެކެވެމުންދާ ވަރަށް ގޯސް ވާހަކައެއް އަސްލު،" ޝާޒު ބުންޏެވެ.
"ކިޔަވައި ނިންމާލާފައި އޭނާ އައިސް މިގޮތަށް ލަވަކިޔަން ފެށީ ވަރަށް ފަހުން. އެހެންވީމަ އެ ފެށުމަށް ބަލާއިރު އޭނާ އެހެރީ ވަރަށް ރަނގަޅު ހިސާބެއްގައި."
މި މޭރުމުން ވާހަކަ ދައްކަމުން ގޮސް ޝާޒު ބުނީ މީރާ އާއި އުނޫޝާ އަކީ ވެސް ރާއްޖޭގެ މިއުޒިކް ސީންގައި ލެޖެންޑުންގެ ދަރަޖަ ލިބޭނެ ދެ ފަންނާނުން ކަމަށެވެ.
"އުނޫޝާ ދެން ބަދަލުވާނީ ލެޖެންޑަކަށް. ޝީ ވިލް ބީ އަ ލެޖެންޑް. ދެން މީރާ ވިލް ބިކަމް އަ ލެޖެންޑް،" ޝާޒު ބުންޏެވެ.
އޭނާ ބުނީ ލަވަކިޔުމުގެ ދާއިރާ އަށް ބަލާއިރު މީރާ ސިފަވެގެން އަންނަނީ އުނޫޝާގެ ދަރިވަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އުނޫޝާ މިހާރު އެހުރި މަގާމު އަތުލަން ތައްޔާރުވަމުން އަންނަ ލަވަކިޔުންތެރިޔަކީ މީރާއޭ ބުނެވިދާނެ ކަމަށެވެ.
"އެންމެން ވެސް ގަބޫލުކުރާނެ އުނޫޝާ އަކީ މިހާރު ހުރި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ ކަމަށް. އެ މަގާމު ހޯދަން އަންނަ ކުރިއަރަމުން އަންނަ ލަވަކިޔުންތެރިއެއްގެ ގޮތުގައި މިހާރު ފެންނަނީ މީރާ،" އުނޫޝާއަކީ އެއް ވަނަ ކަމަށް ބުނެ ވާހަކަ ދައްކަމުން ޝާޒު ބުނީ މިހެންނެވެ.
"މި ދެ މީހުންނަކީ ވެސް ޓެލެންޓާ އެކު އުފަންވި ދެ މީހުން. އެ ޓެލެންޑް ތަރައްގީކުރަން ވެސް ގިނަ މަސައްކަތްތަކެއްކޮށްފައި ތިބި ދެ ލަވަކިޔުންތެރިން. އެހެންވީމަ އެހެން ލަވަކިޔުންތެރިންނާ އަޅާ ބަލާއިރު މިއީ ވަރަށް ބޮޑު ތަފާތެއް"
"އުނޫޝާގެ އެ މަސައްކަތާއި ތަޖުރިބާގެ މައްޗަށް އަދި އެކަކަށް ވެސް ކުރިއެއް ނުހޯދޭނެ. އުނޫޝާ މިހާރު އެހުރި އުމުރަށް ދިޔައީމަކަން ނޭނގެ މީރާ ވެސް އަދި އެވަރު ވާނީ. އެ ހިސާބަށް ދާން މިރާ އަށް އެބައޮތް މުސްތަގުބަލު. އެހެންވީމަ މި ބުނަނީ މީރާ އަކީ ވެސް ލެޖެންޑަކަށް ވާނެ އާޓިސްޓެކޭ."
ޝާޒުގެ ތިލަފަތުގައި އުނޫޝާ އަށް އެއް ވަނަ ލިބުނަސް މަޝްހޫރު ލަވަކިޔުންތެރިޔާ ހުސެއިން އަލީގެ ހިޔާލުގައި އުނޫޝާ އާއި މީރާއާ އަޅާބަލާއިރު "އެންމެ ކޮމްޕްލީޓް" އާޓިސްޓަކީ މީރާ އެވެ.
"އެބަހުރި ދެ ލަވަކިޔުންތެރިންގެ ވެސް ކުދިކުދި މައްސަލަތަކެއް އަޅުގަނޑަށް ފާހަގަކޮށްލެވޭ،" ގަޒަލޭގެ ނަމުން މަޝްހޫރުވެފައިވާ ލަވަކިޔުންތެރިޔާގެ ވާހަކަ ފެށީ މިހެންނެވެ.
“އަޅުގަނޑަށް ވަރަށް ރީތި އުނޫޝާގެ ވެސްޓާން ސްޓައިލްގެ ލަވަތައް. އެ ލަވަތަކުގައި ބަސްތައް ގެންގުޅެފައި ހުންނަ ގޮތާއި މަހުރަޖު ވެސް ވަރަށް ކަމުދޭ. އެހެން ނަމަވެސް ދިވެހި ވަންތަ ބައެއް ލަވަތަކުގައި އުނޫޝާގެ މަހުރަޖުތައް އަޅުގަނޑަކަށް އެހާ ކަމަކުނުދޭ."
މިއީ ޒޫނާ ވެސް އުނޫޝާގެ ކިބައިން ފާހަގަކުރި ކަމެކެވެ. އުނޫޝާ އަށް ހިންދީ ކްލެސިކަލް ރާގުތަކަށް އޭގެ މަހުރަޖުގައި ހުށަހަޅައިދެވިދާނެ ކަމާ މެދު އުފެދޭ ސުވާލެވެ. ނަމަވެސް ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ހުސެއިން އަލީ ބުނީ ފަހަރެއްގައި އުނޫޝާ ހުރިހާ ވައްތަރެއްގެ ލަވަތަކެއް އޭނާގެ އަމިއްލަ ސްޓައިލަކަށް ނުވަތަ ވެސްޓާން ސްޓައިލަކަށް ކިޔަން މަސައްކަތްކުރަނީ ވަކި ގޮތެއްގައި ހިފަހައްޓަން ކަމަށް ވެސް ވެދާނެ ކަމަށެވެ.
"ވެދާނެ އެއީ އުނޫޝާގެ ގޮތުގައި ހިފަހައްޓަން އެގޮތަށް ހުރިހާ ލަވައެއް އެގޮތަށް ކިޔަނީ ކަމަށް ވެސް. ނުވަތަ ހިންދީ ކްލެސިކަލް ސްޓައިލަށް ރަނގަޅަށް ލަވަނުކިޔެނީ ކަމަށް ވެސް."
"އެކަމަކު މީރާގެ ފަރާތުން ފެންނަ މި މައްސަލަ ކުޑަ. އެގޮތުން އޭނާ ދިވެހިވަންތަ ލަވައެއް ކިޔަސް އޭގައި ވެސްޓާން ސްޓައިލް އެހާ ބޮޑުކޮށްފައެއް ނުހުރޭ. ވެސްޓާން ސްޓައިލްގެ ލަވަތަކުގެ ކިޔުން ވެސް މީރާގެ ރަނގަޅު ކަމަށް ފާހަގަކުރެވޭ،" ހުސެއިން އަލީ ބުންޏެވެ.
"މީރާ ހިންދީ ކްލެސިކަލް ލަވައެއް ކިޔަސް އަދި ވެސްޓާން ސްޓައިލެއްގެ ލަވައެއް ކިޔަސް އޭގައި ހުންނަ ބަނޑިތަކާ އެއްޗެހި އޭގެ ގޮތުގައި ހުންނަނީ. ނަމަވެސް އުނޫޝާ ކިޔާއިރު އެއީ ކްލެސިކަލް ލަވަޔަކަސް އަދި ވެސްޓާސް ލަވަޔަކަސް ހުންނަނީ މުޅިން ވެސްޓާން ގޮތްގަނޑެއް."
"އަޅުގަނޑަށް ހީވަނީ ދިވެހިވަންތަ ލަވައެއް ކިޔާއިރު އޭގެ ކިޔުމުގައި ވެސް ދިވެހި ވަންތަ ގޮތެއް ހުރީމަހެން ރަނގަޅުވާނީ. މިއީ ދެން އަޅުގަނޑުގެ ހިޔާލު. ކޮންމެއަކަސް މި ދެ މީހުންނަކީ ވެސް އަޅުގަނޑަށް ވަރަށް ކަމުދާ ދެ ލަވަކިޔުންތެރިން."
ތެދެކެވެ. އުނޫޝާ އާއި މީރާގެ ހިތްގައިމު އަޑާއި ލަވަކިޔުމުގެ ހުނަރު ކަމުނުދަނީ ކާކަށް ހެއްޔެވެ؟ ޔަގީނަށް ވެސް މި ދެ ލަވަކިޔުންތެރިންގެ ތެރެއިން މޮޅީ ކާކުކަން ހޮވުމަކީ އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމެއް ނޫނެވެ.
ހިޔާލުފާޅުކުރި ތަޖުރިބާކާރުންގެ ވާހަކައިން ވެސް އެކަން މިއޮތީ އެނގޭށެވެ.
އެހެންވީމަ މި ދެ ލަވަކިޔުންތެރިންނާ މެދު ގޮތެއް ނިންމުމަށް މިހައި ހިސާބުން ދެން ދޫކޮށްލާނީ ކިޔުންތެރިންނާއި އެހުންތެރިންނަށެވެ.