އެއްގޮތަކަށް ވެސް ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ހިތަށް އެދި މީރާ ގޮވަނީކީއެއް ނޫނެވެ. މިއީ މި ރާއްޖެއެއްގައި މިހާރު ގުގުމަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ އާ ކަވާ ސޯންގެވެ.
މަޝްހޫރު ހިންދީ ލަވައެއް ކަމުގައިވާ "ދިލް ދޭ ދިޔާ ހޭ" ގެ ރާގަށް އުނޫޝާ ރިކޯޑްކޮށްފައިވާ ދިވެހި ލަވަ "ހިތް ދީބަލާށޭ" އެވެ. ރޭ މީރާ އާންމުކުރި މި ކަވާ ސޯންގަކީ ޔަގީނަށް ވެސް އުނޫޝާ އާއި މީރާގެ ހުނަރުވެރިކަން އަޅާކިޔާލުމަށް މި ދެ ލަވަކިޔުންތެރިންގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.
މީރާގެ ވާޝަން ވަރަށް ވެސް ހިމޭނެވެ. އެހާމެ މޮޅިވެރި އެވެ. ޖަޒުބާތުތައް ހިތުން ބަންޑުން ވަނީ އެވެ.
މި ލަވަ ކަވާކުރުމާ ބެހޭ ގޮތުން މީރާ ބުނެފައި ވަނީ މިއީ ވަރަށް ކުރިން ފެށިގެން ވެސް އޭނާގެ ފެވަރިޓެއް ކަމަށެވެ.
"ކުޑަ ކުއްޖެގެ ގޮތުގައި އަޅުގަނޑަށް މި ލަވަ އަޑު އިވެނީ އަޅުގަނޑުގެ [ކަޒިންއެއް ކަމުގައިވާ ޝައުފާ] އަޅުގަނޑާ އެކު އުޅޭއިރު އަބަދު މި ލަވަ ކިޔާ އަޑު. އެ ހިސާބުން ފެށިގެން އަބަދުވެސް މި ލަވަ ވަރަށް ކަމުދޭ. ހީކުރަން ތި އެންމެނަށް އަޅުގަނޑުގެ މި ރެންޑިޝަން ކަމުދާނެ ކަމަށް،" ރަސްމީ ފޭސްބުކް ޕޭޖުގައި މީރާ މި ލަވައިގެ ވީޑިއޯ ރޭ ޕޯސްޓްކޮށްފައި ވަނީ މި މެސެޖާ އެކުގަ އެވެ.
ދެން މި އޮތީ މި ލަވައިގެ ދިވެހި "އޮރިޖިނަލް" ކަމުގައިވާ އުނޫޝާގެ ވާޝަން އެވެ.
މި ލަވައިގެ ލައިވް ޕާފޯމެންސެއް އުނޫޝާ 2007 ވަނަ އަހަރު ކާނިވާ ސްޓޭޖުގައި ދީފައިވެ އެވެ. އެއީ އާތު ޑޭ - ޖޭމިން ފޯ ދަ އައިލޭންޑްސްގެ ނަމުގައި ބޭއްވި ޝޯއެއްގައި މަޝްހޫރު ބޭންޑް އެމޭޒަން ޖޭޑްއާ އެކު އެވެ. އެ ވާޝަން އަދި މާ ތަފާތެވެ.
މީގެ އޮރިޖިނަލް ހިންދީ ލަވަ އަކީ ފިލްމު "މަސްތީ" ގެ ލަވަ އެކެވެ.