ނިއުކްލިއާ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެމެރިކާއިން އިރާން ދުނިޔެއިން އެކަހެރި ކޮށްލަން، ހާއްސަކޮށް މެދު އިރުމަތިން އެކަހެރި ކޮށްލަން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދް ޒާރިފް ވިދާޅުވެއްޖެ އެވެ.
ޖަރުމަންގައި ކުރިއަށް ދިޔަ "ދަ ކޯ ގްރޫޕްސް މީޓިން އޮފް ދަ މިއުނިކް ސެކިއުރެޓީ ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ޒާރިފް ވިދާޅުވީ، އިރާންގެ ސަރުކާރު އޮތީ މިހާރު ވެސް އެމެރިކާ ބައިވެރި ނުވާ ގޮތުގެ މަތިން ދުނިޔޭގެ ބާރުތަކާއެކު ނިއުކްލިއާގެ މައްސަލައިގައި މަޝްވަރާކޮށް ގައުމުތަކުން ނިންމާ ގޮތަށް އަމަލުކުރަން ތައްޔާރަށް ކަމަށެވެ.
ޒާރިފް ވިދާޅުވީ، އެމެރިކާއާއެކު މިހާރު އޮތް ހީނަރުކަން ކަނޑުވާލައި ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށެެވެ. އެކަން ކުރެވޭނީ އިރާނުގެ ދާހިލީ ކަންކަމާ ނުބެހި ގަލްފު ސަރަހައްދުގެ ހަމަޖެހުމަށް އެމެރިކާއިން ފުރުސަތު ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، 2015 ވަނަ އަހަރު ހެދި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ދެ އަހަރު ފަހުން ވަކިވެފައިވާތީ އެއްބަސްވުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރު އެމެރިކާއަށް ނުލިބޭނެ ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅު ތަކަކީ ވެސް ގަވާއިދާ ހިލާފު ފިޔަވަޅުތަކެއް ކަމަށެވެ.
އިރާން ބާކީ ކޮށްލުމަށް އެމެރިކާއިން ކުރަމުންދާ އެއްވެސް މަސައްކަތެއް އަދި ކާމިޔާބު ނުވެފައިވާ ކަމަށާއި އޭގެ ބަދަލުގައި ގައުމުތަކުން އިރާނާ ގުޅުން ބަދަހި ކުރަމުން ދާ ކަމަށް ޒާރިފް ވިދާޅުވި އެވެ. އިރާނާ ގުޅުން ބަދަހި ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނެ އެވެ.
ކޮންފަރެންސްގައި ޒާރިފް ވަނީ ސައުދީ އަރަބިއްޔާ ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަރަމްކޯ ފެސިލިޓީސްއަށް އިރާނުގެ ސަރުކާރުގެ އެއްބާރުލުމާއެކު ހަމަލާ ދިން ކަމަށް ބުނެ މެދު އިރުމަތިން އިރާން އެކަހެރި ކޮށް ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.