މާލޭ ސިޓީ ކައުންސިލް

އޭސީސީން ސިޓީ ކައުންސިލުގެ އިދާރާއަށް ވަދެއްޖެ

ސިނަމާލެ ބްރިޖް ހިމެނޭ ސަަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ އިމާރާތުގެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ތުހުމަތު ކޮށްފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެއްޖެ އެވެ.

އަވަސްއާ ވާހަކަ ދެއްކި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވީ އަޑިޕާކް ސަރަހައްދުގައި ފާޚާނާ ބަރިއެއް ހެދުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ރައީސް އޮފީހުން ހަމަޖައްސައިދޭ ޚާއްސަ ބަޖެޓަކުން ކަމަށެވެ.

އެ މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާ ކަމަށްވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ލުމަށް ހަމަޖައްސާފައިވާ ކަމަށާ ނަމަވެސް އެ މަސައްކަތް އެއްވެސް ބަޔަކާ ރަސްމީކޮށް ހަވާލުކޮށްފައި ނުވަނީސް އެތަނުގައި ކުންފުންޏަކުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށާ އެކަން ފޮރުވަން ސިޓީ ކައުންސިލްގެ ބައެއް ކިޔެކިޔުންތަކަށް ބަދަލު ގެންނަމުންދާ ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އޭސީސީން މިއަދު ހެނދުނު ވަނީ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެފަ އެވެ. އޭސީސީން ބުނީ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށާ އެކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އޭސީސީގެ ޓީމެއް މިއަދު ހެނދުނު އެ ކައުންސިލް ހިންގާ އޮފީހަށް ވަދެފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ އެހެން މެންބަރަކު ވިދާޅުވީ އެ ކައުންސިލްގެ ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަންކަން އެހެން ކުރަމުންދަނީ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު އަޑީގައި ހުންނަވައިގެން ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެކަން ކުށްވެރި ކުރައްވާ ކަމަށެ.

"ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރޭ،" ޝިފާ ވިދާޅުވި އެވެ. ނަމަވެސް، އެ ތިން މެންބަރުންގެ ނަމެއް ޝިފާ ވިދާޅެއްނުވެ އެވެ.