މާލޭ ސިޓީ ކައުންސިލް

ޕާކިން ސްލޮޓްގެ މައްސަލަ އޭސީސީއަށް

މާލޭގެ އެކި ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ ޖާގަތައް ލިބުނު މީހުން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި އެވެ.

މާލޭގެ ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ސްލޮޓް ކުއްޔަށް ދޫކުރަން ނިންމައި ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސްލޮޓު ލިބޭ މީހުން ހޮވުމަށް ގުރުއަތުލުން ބޭއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް ކައުންސިލުން މީހުން ހޮވަން އަމަލުކުރި ގޮތާއި މެދު ބައެއް އާންމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޖާގަތައް ލިބުނު މީހުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އިއްޔެ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަންގެ މީޑިއާ އޮފިޝަލު އަވަސް އަށް ޔަގީންކޮށްދިނެވެ. އަދި އެ މައްސަލަ އޮތީ ޕްރިލިމިނަރީ މަރުހަލާގައި ކަމަށާއި ތަހުގީގު ކުރާނެ މައްސަލައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ޒޯން ކުއްޔަށް ދިނުމަށް ހުޅުވާލުމުން 969 މީހަކު ވަނީ ކުރިމަތިލާފައި ވެއެވެ.

އެންމެ ގިނަ ޖާގަ ހުޅުވާލީ ސަލްމާން މިސްކިތް ކައިރީގައިވާ ޒޯނުންނެވެ. އެ ސަރަހައްދުން 58 ޖާގަ ކުއްޔަށް ދޭން ނިންމާފައިވެ އެވެ. ދެވަނަ އަަށް އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރަން ނިންމީ ވައިދެރިހިނގުމުންނެވެ. އެ ސަރަހައްދުން 44 ޖާގަ ކުއްޔަށް ދޫކުރާނެ އެވެ. މީގެ އިތުރުން ރާދަފަތި ހިނގުމުން 21 ޖާގަ، ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތިފަޅިން 20 ޖާގަ، ކުރެދިގޯޅިން 10 ޖާގަ، ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި -- ސްޓޭޑިއަމް ފަޅީގައި 10 ޖާގަ، ސޮލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި އަލިމަސް ކާނިވާ ސަރަހައްދުން ހަ ޖާގަ ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވެ އެވެ. ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗް ޕާކިން ޒޯނުން 24 ޖާގަ ކުއްޔަށް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ޕާކިން ޖާގަ ލިބުނު ޕްރައިވެޓް ކާރުތަކުގެ ވެރިފަރާތްތަކުން މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީ ބާއްވަން ޕާކިން ޖާގަ ލިބުނު މީހުން ދައްކަންޖެހޭނީ މަހަކު 750 ރުފިޔާ އެވެ.