ޝިފާ މުހައްމަދު

ޝިފާގެ މައްސަލަ އަނބުރާ ފޮނުވާލައިފި

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އޭސީސީއަށް އަނބުރާ ފޮނުވާލައިފި އެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ލޮނުޒިޔާރާތްކޮޅު އަޑި ޕާކުގެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކްގެ މައްސަލައަކާއި ގުޅިގެންނެވެ. އޭސީސީން އެދިފައިވަނީ ސިފާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާ ދިނުމަށެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ އެ މައްސަލަ އަނބުރާ ފޮނުވާލީ ދައުވާ ކުރުމުގެ ކުރިން އިސްލާހުކުރަން ޖެހޭ ބައެއް ކަންކަން އަދި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ. ޕީޖީ އޮފީހުން މި ނިންމުން ނިންމާފައި މިވަނީ އެ މައްސަލައާމެދު ގޮތެއް ނުނިންމާ ދިގު ދަންމާތާ މަސް ދުވަސް ފާއިތުވެދިޔަ ފަހުންނެވެ.

އޭސީސީން ބުނީ މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތައް ކަމަށްވާ ދެ ފާހާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީ އާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުންގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށެވެ. މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށެވެ.

އަދި ސްރީލަންކާގެ ކުންފުންޏަކުން މި ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވާ ކަމަށެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ސިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށެވެ. އެ އަމަލަކީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް އޭސީސީން ވަނީ ބުނެފައެވެ.

މައްސަލައާ މެދު ގޮތް ނުނިމި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ޝަމީމް ކުރިން ވިދާޅުވީ ޝިފާއަކީ އާއިލީ ބޭފުޅަކަށްވާތީ އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. މައްސަލައާމެދު ގޮތް ނިންމުން ޑެޕިއުޓީ ޕީޖީއާ ހަވާލުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މައްސަލައަކީ އަޅުގަނޑު ތަނާޒުލްވެފައި އޮތް މައްސަލައެއް. މާލެ ސިޓީގެ މޭޔަރު ޝިފާއަކީ އަޅުގަނޑު ދެބެންގެ ދެދަރި ބޭފުޅެއް. އެހެންވީމަ އަޅުގަނޑަށް އެ މައްސަލަ ބެލުމުގައި މަސްލަހަތު ފުށުއަރާނެތީ އަޅުގަނޑުވާނީ މައްސަލައިން ތަނާޒުލްވެފައި. އެ މައްސަލަ ކުރިއަށް ގެންދަވާނީ އަޅުގަނޑުގެ ޑެޕިއުޓީއަކަށް ހުންނަވާ ބޭފުޅާ. އަޅުގަނޑު ހިތުން މި ހަފްތާތެރޭގައި އެ މައްސަލައަށްވެސް ގޮތެއް ނިމިގެންދާނެ. އެ މައްސަލާގައި އަޅުގަނޑު ތަނާޒުލްވެފައި އޮތީމާ ބަލާކަށް ނުވެސް ކުރޭ، ނުވެސް ބަލަންވެސް އެ މައްސަލަ ކުރިއަށްދަނީވެސް،" މި ހަފްތާގައި އަޑުން ގެެނެސްދިން ޝޯއެއްގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވިއެވެ.