މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ލޮނުޒިޔާރާތްކޮޅު އަޑި ޕާކުގެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކްގެ މައްސަލައަކާއި ގުޅިގެންނެވެ.
އޭސީސީން އެދިފައިވަނީ ސިފާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާ ދިނުމަށެވެ. އޭސީސީން ބުނީ މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތައް ކަމަށްވާ ދެ ފާހާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީ އާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުންގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށެވެ. މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށެވެ.
އަދި ސްރީލަންކާގެ ކުންފުންޏަކުން މި ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވާ ކަމަށެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ސިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
އެ އަމަލަކީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށްވާތީ ޝިފާގެ މައްޗަށް ދައުވާކުރަން ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.