ސިނަމާލެ ބްރިޖް ސަަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރަމުން އަންނަނީ އެ ކުންފުންޏަށް އެ މަސައްކަތް ރަސްމީކޮށް ހަވާލުވެސް ނުކުރަނީސް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ތުހުމަތު ކޮށްފި އެވެ.
އަވަސްއާ ވާހަކަ ދެއްކި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވީ އަޑިޕާކް ސަރަހައްދުގައި ފާޚާނާ ބަރިއެއް ހެދުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިދޭ ޚާއްސަ ބަޖެޓަކުން ކަމަށެވެ. އެ މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާ ކަމަށްވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ލުމަށް ހަމަޖައްސާފައިވާ ކަމަށާ ނަމަވެސް އެ މަސައްކަތް އެއްވެސް ބަޔަކާ ރަސްމީކޮށް ހަވާލުކޮށްފައި ނުވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އަމީން ކޮންސްޓްރަކްޝަން ގެންދަނީ އެ މަސައްކަތް މިހާރު ކުރަމުން ކަމަށް އެ މެންބަރުން ވިދާޅުވިއެވެ. އެކަން މީޑިއާތަކުގެ ސަމާލު ކަމަށް ގެނެސްފައިވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީންނެވެ.
އެ ސަރަހައްދުގައި މަސައްކަތް ހިނގަމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކާއެކު ފަޒީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން މަަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް އަޑިޕާކް ސަރަހައްދުގައި ފާޚާނާ ބަރިއެއް ހެދުމަށް ބަޔަކާ ހަވާލުކުރުމަށް ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ބަޔަކު ކޮށް ނިންމަމުންދާ ކަމަށެވެ.
"މިވަރުންވެސް ބަލަން ހުންނަންވީ." އޭސީސީއަށް ޓެގް ކުރައްވާ ފަޒީން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ފަޒީން މިރޭ ވިދާޅުވީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން މާލޭ ސިޓީގެ ލީގަލް އޮފިސަރު އަލީ ނަސީރު ގާސިމް، އޭނާއާއި އާއިލާގެ މެންބަރުނަށް އިންޒާރު ދެއްވާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ އެހެން މެންބަރަކު މިރޭ އަވަސްއަށް ވިދާޅުވީ އެ ކައުންސިލްގެ ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަންކަން އެހެން ކުރަމުންދަނީ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު އަޑީގައި ހުންނަވައިގެން ކަމަށެވެ.
އެކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔާ ޝިފާ މުހައްމަދުގެ ބަހެއް އަވަސްއަށް ލިބޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ ކައުންސިލްގެ މެންބަރު ފަޒީން "ވަގު" ބަދުނާމް ނާޅުވާ އެއްވެސް މުވައްޒިފެއްވެސް ކައުންސިލްގައި ނެތް ކަމަށެވެ.