މާލޭ ސިޓީ ކައުންސިލް

އޭސީސީގެ އެންގުމާ އެއްގޮތަށް ސްލޮޓްތަކަށް ހުޅުވާލައިފި

Feb 10, 2022

މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އަލުން ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މިއަދު އިއުލާނުކުރި ޕާކިން ސްލޮޓް ތަކަށް މީގެ ކުރިން ހުޅުވާލުމުން ކުރިމަތިލީ މީހުންގެ މެދުގައި މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ވަނީ ގުރުއަތުލައި ސްލޮޓް ލިބޭ މީހުން ކަނޑައަޅާފަ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.

މައްސަލަތައް ފެންމަތިވުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު އޭރު ކުރިމަތިލި މީހުންގެ މެދުގައި އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ. ނަމަވެސް އޭސީސީން ވަނީ ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.

އޭސީސީގެ އެންގުމާ އެއްގޮތަށް ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޕާކިން ސްލޮޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.

މިހާރު އިއުލާން ކޮށްފައިވާ ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ. ހުޅުވާލާފައި ސްލޮޓް ތަކަކީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫނެވެ.

ސިޓީ ކައުންސިލުން ބުނީ ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 ޕަސަންޓް ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ މީހަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

"ވީމާ ކުލި ދައްކައިގެން ޕާކް ކުރުމަށް ޖާގައަށް އެދިލައްވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާކޮށް، ބޭނުންވާ ތިން އޮޕްޝަނަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ." އިއުލާންގައި ބުނެފައިވެ އެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ވެހިކަލް ޕާކުރުމަށް އަމިއްލަ މީހުންނަށް ދިގު މުއްދަތަކަށް ބިން ވިއްކަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެލްޖީއޭ އިން ވަނީ އެކަން ހުއްޓުވާފަ އެވެ.