އޭސީސީ

މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއު (ޗާންދަނީ ޝުޖާ) ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޝުޖާއުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މާލޭގެ ގޯއްޗަކުން އަމިއްލަ މީހަކަށް ލިބިފަައިވާ 250 އަކަފޫޓްގެ ބިމެއްގައި މާލޭގެ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ މައްސަލަ އާއި ގުޅިގެން ކަމަށެވެ.

ޝުޖާއުގެ މައްޗަށް އުފުލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ އެއް ހޯދާ ދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ އިމާރާތް ކުުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓް ކަމާއި އެ ބިމުގައި މާލޭގެ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތް ކުުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށްކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެ ބިމުގައި މާލޭގެ ޕްލޭނިން ގަވާއިދާ ހިލާފަށް 12 މީޓަރަށް އިމާރާތް ކުުރުމުގެ ހުއްދަދީ ޖަނަވަރީ 15، 2014 ގައި މާލެ ސިޓީ ކައުންސިލް އިދާރާއިން އިމާރާތުގެ ކުރެހުން ފާސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ދެ ހުއްދަވެސް ދީފައިވަނީ އޭރުގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއު ކަަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެެހެން ކަމުން އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ އަމަލެއް ކަމަށް ނިންމާ ޝުޖާއުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.