މާލޭ ސިޓީ ކައުންސިލް

އަނެއްކާވެސް ސިޓީ ކައުންސިލަށް ބޮޑު ތުހުމަތެއް!

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު މިހާތަނަށް ކައުންސިލަށް ކަނޑައެޅިފައިނުވާ ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލުންގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ހެއްދެވީ ދޮގެއް ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެ އެވެ.

މިފަހުން މާލޭ ސިޓީގެ މޭޔަރާ، ޑެޕިއުޓީ މޭޔަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ކައުންސިލަރު ފަޒީން ވިދާޅުވީ މާރުކޭޓްގެ ގޮޅިތަކުގެ އަދަދު އަދިވެސް ކަނޑަނޭޅޭ ކަމަށް ވިދާޅުވެ ސަމާއު ހެއްދެވީ ދޮގެއް ކަމަށެވެ.

ފަޒީން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާގައި އެ ކައުންސިލުން މާރުކޭޓްގެ ގޮޅިތަކުގެ އަދަދާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވެ އެ ބައްދަލްވުމުގެ އޯޑިއޯވެސް އާންމު ކޮށްފައެވެ. އަދި އެ ބައްްދަލްވުމުގައި ކަން ހިނގާ ދިޔަގޮތް ބަޔާންކޮށް ލިޔުމެއްވެސް ވަނީ ހިއްސާކޮށްފައެވެ.

ފަޒީން ވިދާޅުވީ މާރުކޭޓްގެ ގޮޅިތަކުގެ އަދަދާއި ގުޅޭގޮތުން ކަމާބެހޭ ކޮމެޓީން ހުށައެޅި ކުރެހުމުގައި އައްފޫޓް، ހަފޫޓްގެ 117 ގޮޅިއާ ވަގުތީ 11 ގޮޅިއާއެކު 128 ގޮޅި ހިމެނޭ ކުރެހުމެއް މޭޔަރަށް ފޮނުވި ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއަށް އެ ކުރެހުމުގެ ބަދަލުގައި މާކުދި އަދި އެތެރޭގައިވާ ހުރަސް މަގުގެ ބަދަލުގައި ޕޭމަންޓް ބޭނުންކުރާ ގޮތަށް ކުރަހާފައިވާ 193 ގޮޅި ހިމެނޭ ކުރެހުމެއް ހުށައެޅި ކަމަށެވެ.

އަދި ބައެއް ކައުންސިލަރުންގެެ ކަންބޮޑުވުންތަކާއެެކު އެތައް ބަހަނާއެއް ދެއްކުމަށްފަހު ކޮމެޓީން ހުށައެޅި ކުރެހުންވެސް ފަހުން ގެނެސް، ދެ ކުރެހުމަށް ވޯޓަށް އެހުމުން ފާސްވީ ކޮމެޓީން ނިންމި 128 ގޮޅީގެ ކުރެހުން ކަމަށް ފަޒީން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސިޓީ ކައުންސިލް ނިންމާ މިފަދަ ނިންމުންތަކާމެދު އަމަލުކުރަންޖެހޭ ގޮތަށް މިއަދާއި ހަމައަށްވެސް މާލޭ ސިޓީގެ މޭޔަރު އަމަލުކޮށްފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފަޒީން ވިދާޅުވީ މޭޔަރު އަމަލުކުރެއްވި ގޮތުން އެތައް ގެއްލުންތަކެއް ދައުލަތަށް ލިބި، ސަރުކާރަށް ރައްޔިތުންގެ ފާޑުކިޔުންތައްް އަމާޒުވެފައިވާ ކަމަށެވެ.

ގޮޅިތައް ކުއްޔަށް ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު 128 ގޮޅިން ދައުލަތަށް ލިބޭ މަހު ފީ އާއި ކުނީގެ ފައިސާ ނުލިބި ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާ މުހިންމު ޚިދުމަތެއް ހުއްޓުވާފައި ބޭއްވުމުން ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ހޯދަން އަންނަ ފަރާތުގެ ރުޅިވެރިކަމާއި ނަފްރަތު ސަރުކާރަށް އަމާޒުވެފައިވާ ކަމަށެވެ.

"ޑެޕިއުޓީ މޭޔަރުގެ އިންޓަވިއުގައި މީގެ 25 ދުވަސްކުރިން ނިންމި ނިންމުމެއް، އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށް ވިދާޅުވެ ހެއްދެވީ ދޮގެއް. މިވެރިން ދެން އިތުރަށް ދޮގު ނުހަދާނެ ކަމަށް ހީކުރަނީތޯ." ފަޒީންގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުންގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދި ކަނޑައެޅިފައިނުވާ ކަމަށާ ނަމަވެސް އަންނަ އަންގާރަ ދުވަހު ބާއްވާ އެ ކައުންސިލްގެ ބައްދަލްވުމުގައި އެކަމަށް ގޮތެއް ނިންމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި މިފަހުން ބޮޑެތި ޚިޔާލްތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. އަދި މެންބަރުން ގެންދަވަނީ ދެން ތިއްބެވި މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.