ފުއާދު ތައުފީގު

ކޮމެޓީ ލިސްޓްގެ ކުރީގައި ވެސް ފުއާދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ތަކުގެ ތެރެއިން އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެކުލަވާލި ލިސްޓްގެ އެންމެ ކުރީގައި ހިމަނައިފި އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ މެންބަރު ކަމަށް 10 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ ތެރެއިން ހަތަރު ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ކޮމެޓީން ދިރާސާކޮށްފައިވަނީ އެ ހަތަރު ބޭފުޅުންގެ ނަމެވެ.

އީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް

  • ފުއާދު ތައުފީގު
  • އަމްޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ
  • ހަސަން ނާޒިމް، ހ. ގާޑެނިއާ
  • މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މި ހަތަރު ބޭފުޅުންގެ ނަން ދިރާސާކޮށް ނިންމާފައިވާއިރު، ކޮމެޓީން އެންމެ ގިނަ މާކްސް ލިބިވަޑައިގެން ލިސްޓްގެ ކުރީގައި ވަނީ ފުއާދުގެ ނަމެވެ. ދެން އީސީގެ މިހާރުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ ނަމެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ. އެ މަގާމަށް އައްޔަން ކުރަން ރައީސް ހަތަރު ނަމެއް ފޮނުއްވެވި ނަމަވެސް އެ މަގާމަށް ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.

އެހެން ކަމުން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާއިރު ފުރަތަމަ ވޯޓަށް އަހާނީ ފުއާދު ނަމަށެވެ. ފުއާދަށް ރުހުން ލިބިއްޖެނަމަ އިތުރު ނަންތަކަށް ވޯޓަށް ނާހާނެ އެވެ.

އީސީއަށް ކުރިމަތިލި އިތުރު ބޭފުޅުން

  • އައިމިނަތު ސާދިޔާ، މ. ޕިސްތާގެ
  • ޑރ. މުއާވިޔަތު މުހައްމަދު، މ. ޒޭވަރު
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851
  • މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު
  • ނިއުމާލް ޝަފީގު، މ. މާފުށީގެ
  • މުހައްމަދު އިސްމާއީލް، މ. ކެލާ