މޯލްޑިވްސް ޕޮލިސް ސާވިސް

ހަ މަސްތެރޭ 400 ސައިކަލް ވަގަށް ނަގާފައިވޭ

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސައިކަލް ވަގަށް ނެގުމުގެ 401 މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާ ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އިއްޔެ ބުނީ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 401 ސައިކަލް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު އެއީ ފައިސާއިން ބަލާނަމަ 21،796،400 ރުފިޔާގެ ސައިކަލް ކަމަށެވެ.

ސައިކަލު ވަގަށް ނަގައިގެން ފުލުހަށް ހުށަހެޅުން އިތުރުވަމުންދާތީ، އެކަން ހައްލު ކުރަން، ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުން ކުރި ސާވޭއަކުން ދައްކާ ގޮތުން 38 ޕަސެންޓް މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލް ކަމަށާ އަދި 90 ޕަސެންޓު މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަން ފާހަގަކުރެވުނު ކަމަށެވެ.

މީގެ އިތުރުން ސައިކަލް ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯ އާއި، ސައިކަލުގެ ޝަޓާލޮކް ކުރޭތޯ ބެލިބެލުމުން 35 ޕަސެންޓް މީހުން އެކަމަށް ސަމާލުކަން ދީފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ވަގަށް ނެގި 401 ސައިކަލުގެ ތެރެއިން 264 ސައިކަލު ފެނިފައި ވެއެވެ.