އެމްއެންޑީއެފް

ސިފައިން "ވިކްޓްރީ ރަން" އެއް ބާއްވައިފި

ނޮވެމްބަރު ތިނެއްގެ ހަމަލާގެ ހަނދާންތަކާ ގުޅުވައިގެން ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހެނދުނު "ވިކްޓްރީ ރަން" އެއް ބާއްވައިފި އެވެ.

މިއީ ނޮވެމްބަރު ތިނަކާ ގުޅުވައިގެން ސިފައިން މިފަދަ ދުުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ގިނަ އަދަދެއްގެ ސިފައިންނާއެކު ބޭއްވި ދުވުން މާލޭގައި ފެށީ މިއަދު ހެނދުނު 6:00 ޖެހި އިރު ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާ ކޮށިންނެވެ. ދުވުން އޮތީ ކަޅުތުއްކަލާ ކޮށިން ނުކުމެ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް މާލެވަށައި ބުރެއް ޖެހުމަށްފަހު އެނބުރި ކަޅުތުއްކަލާ ކޮއްޓަށެވެ.

މާލޭގައި މި ދުވުން ބޭއްވި އިރު ނޮދަން އޭރިއާ އާއި ސެންޓްރަލް އޭރިއާގެ އިތުރުން ސަދަން އޭރިއާގައި ވެސް ސިފައިން ދުވި އެވެ.

އެމްއެންޑީއެފުން ބުނީ "ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ ލަޝްކަރުގައި ގައުމީ ރޫޙާއި ޖޯޝް އަށަގެންނެވުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. މިއަދު ދިވެހި ސިފައިންގެ ބޭއްވި ދުވުމުން ރަމްޒު ކޮށްދެނީ ދީނާއި ގައުމުގެ ހައްގުގައި ޝަހީދުވި ބަތޮލުންނާއި މީހުންގެ ޒިކުރާ ކަމަށެވެ.

މިއަދު ބޭއްވި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އެހެން ޖެނެރަލުންނާއި އޮފިސަރުނާއި ބައިވެރިވެ ވަޑައިގަތެވެ. ދުވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ސިފައިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ދެއްކެވި ވާހަކަފުޅުގެ ތަފުސީލު އެމްއެންޑިއެފުން އާންމު ކޮށްފައެއް ނުވެއެވެ.

ނޮވެމްނަރު 3، 1988 ގެ ހަމަލައަކީ ދިވެހިންގެ ބަޔަކު ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ހަތިޔާރު އެޅި ކުލީ ސިފައިންނާއެކު ރާއްޖެ އަރައި ދިވެހި ސަރުކާރު ވައްޓާލުމަށް ދިން ހަމަލާ އެކެވެ. އެ ހަމަލާގައި ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.