ނަސްރުގެ ދުވަސް

ސިފައިންގެ "ވިކްޓްރީ ލެޕް" ދުވުން ބާއްވައިފި

Nov 3, 2021

ނަސްރުގެ ދުވަހާ ގުޅިގެން "ވިކްޓްރީ ލެޕް"ގެ ނަމުގައި އެމްއެންޑީއެފުން ކުރިއަށް ގެންދަން ނިންމި ދުވުމުގެ ހަރަކާތް މާލޭގައި މިއަދު ކުރިަށް ގެންގޮސްފި އެވެ.

ކަޅުތުއްކަލާކޮށްޓާ ހިސާބުން ދުވުމުގެ މި ހަރަކާތް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

މިއަދު ހަވީރު 4:15 ހާއިރު ފެށި މި ހަރަކާތް ކުރިއަށް ގެންދިޔައީ ކަޅުތުއްކަލާކޮށީގެ ދެކުނު ގޭޓުން ނިކުމެގެން، ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް، މޫނިމާ ހިނގުމުން އުތުރަށް ގޮސް، އަމީނީމަގުން އިރަށް ގޮސް ދަރުބާރުގެ ވަށާލައި ބޮޑުތަކުރުފާނުމަގުން ހުޅަނގަށް އައިސް ކަޅުތުއްކަލާކޮށްޓަށެވެ.

ޤައުމީ ރޫހު އާލާކޮށްދޭ ޝިއާރުތަކާއި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔަމުން ކުރިއަށް ގެންދިޔަ މި ދުވުމުގައި ސިފައިންގެ ހުރިހާ ރޭންކުތަކެއްގައި ހިމެނޭ ސިފައިން ވެސް ބައިވެރިވި އެވެ.

ވިކްޓްރީ ލެޕަކީ ސިފައިންގެ ލަޝްކަރުތަކުގެ ޖޯޝާއި ބަދަހިކަން ދައްކައިދިނުމަށާއި ކާމިޔާބީ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ސިފައިން މިއަދު ފެށީ ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދަށް ފަހު ކުރެވުނު ހާއްސަ ދުއާ އަކަށްފަހު އެވެ. އޭގެފަހުން ވެހެމުން ދިޔަ ވާރޭ ތެރޭގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓްކޮށްފައިވެ އެވެ.