ގައުމީ ފިލްމު އެވޯޑްސްގައި މި އަހަފު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީޓަކު ނޯމިނޭޝަންތައް އެންމެ ލަސްވެގެން މި މަހުގެ 10 ވަނަ ދުވަހަށް އިއުލާން ކުރާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ވިދާޅުވީ ކުރިން އުސޫލު އޮތް ގޮތުން މި އަހަރު ފިލްމު އެވޯޑްސް ނުބޭއްވޭ ގޮތަށް އޮތް ނަމަވެސް ސަރުކާރުން އެ އެވޯޑް ދޭން ބޭނުން ވާތީވެ އުސޫލަށް ބަދަލު ގެނެސްގ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އެ އެވޯޑް ހަފުލާ ބާއްވާނެ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެވޯޑްތައް ލިބޭނެ ފިލްމުތައް ކަނޑައަޅަން ފަނޑިޔާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. އަދި އެންމެ ލަސްވެގެން މި މަހުގެ 10 ވަނަ ދުވަހަށް ކެޓަގަރީތަކުން އެވޯޑަށް ނޮމިނޭޓްވާ ފިލްމުތައް އިއުލާން ކުރާނެ ކަމަށެވެ.
ނުވަވަނަ ފިލްމު އެވޯޑްސް ހަފްލާގައި އެވޯޑް ދިނުމުގައި ފިލްމުތަކަށް އިންސާފު ކުރަން މި އަހަރު ހަތް ފަންޑިޔާރުން ތިބޭ ޕެނަލެއް އެކުލަވާލާފައި ވެއެވެ. ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.
މިދިޔަ އަހަރު އެވޯޑްސް ނުބާއްވަ އެވެ. އެހެންކަމުން މި އަހަރުގެ އެވޯޑް ހަފްލާގައި އެވޯޑްތަކަށް މިދިޔަ އަހަރުގެ ފިލްމުތަކުގެ އިތުރަށް 2017 ވަނަ އަހަރުގެ ފިލްމުތައް ވެސް ވާދަ ކުރެ އެވެ. އެއީ 12 ފީޗާ ފިލްމަކާއި ކުރު ފިލްމެކެވެ.
މި އަހަރުގެ އެވޯޑްސްގެ ޓައިޓަލް ސްޕޮންސާއަކީ ބައިސްކޯފް އެވެ. ކޯސްޕޮންސާއަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.
އެވޯޑްސްގައި ވާދަކުރާ ފިލްމުތައް
- ނޭދެން ވަކިވާކަށް (2017)
- ވިޝްކާ (2017)
- މީ ލޯތްބަކީ (2017)
- ބޮސް (2017)
- ނޯޓީ ފޯޓީ (2017)
- އިލްނޮއިސް (2017)
- ހައްދު (2017)
- މަލިކާ (2017)
- ވަކިން ލޯބިން (2018)
- ރޭވުމުން (2018)
- ތިޔަ ލޯތްބާ ދުރަށް (2018)
- ދެވަންސޫރަ (2018)
- ކުރު ފިލްމު - ކަނޑު އިބިލީސް (2018)