ސަޅި ބައިސާގައި އުޅުނު ބިރުކުޑަ އަލީ އާއި ޖިންނި އަލީ އާއި މުއްސަނދި އަލީ މިހާރުގެ މީހުނަށް ނޭނގި ދާނެ އެވެ. ނުވަދިހައިގެ ކުރީ އަހަރުތަކުގައި ނެރުނު ކޮމެޑީ އެ ސިލްސިލާގައި އުޅުނު އަހްމަދު ނިމާލް، ބިރުކުޑަ އަލީގެ ގޮތުގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި އެވެ. ސަޅިބައިސާގެ އެޕިސޯޑުތައް މިހާރުވެސް ޔޫޓިއުބުން ބަލައިލުމުން ހީނހީނ ހަލާކުވާ މީހުން އުޅެ އެވެ. ނިމާލް، އަލީގެ އެކި ކެރެކްޓާގައި ގެނެސްދޭ ފޮނި ވާހަކަތައް ވީ އެތައް ބަޔަކަށް ތަފާތު ކޮމެޑީ އަކަށެވެ.
ރޭ ބޭއްވި ގައުމީ ފިލްމީ އެވޯޑުސް ހަފުލާފައި ދިވެހި ސިނަމާގެ ބިރުކުޑަ އަލީއަށް ކުޑަ ޓްރިބިއުޓް އެއް ދިނީ އޭނާގެ ދަރިފުޅު މުހައްމަދު ޖުމައްޔިލް ނިމާލެވެ. އެކަމަކު ފިލްމީ އަލީގެ ގޮތުގަ އެވެ.
ބައްޕަގެ ފަހަތުން ފިލްމީ ދާއިރާއަށް ނިކުތް ޖުމައިލް މި ޓްރިބިއުޓް ފެށީ ވެސް ހަމަ "ބިރުކުޑަ އަލީ"ގެ ގޮތުގަ އެެވެ. މޫދު ކައިރީ ހުންނަ އުނދޯލީގައި އިށީނދެ އިނދެ އޭނާގެ ސަޅި ބައިސާތައް ފަށަ އެވެ. ހަމަ އެ ނުރަ ބޮލާއި ނުރަ މަތިމަސް ޖަހައިގެން ސައިޒުން ބޮޑު ކޯޓު ވެސް ލައިގެން އެއްކަލަ ކުރަކި ބަރު އަޑުގަ އެވެ. ޖުމައިލްގެ ސިފައަށް ދެން މާ ބޮޑު ބަދަލެއް ގެންނާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ އެއީ ހަމަ ސީދާ ނިމާލްގެ ކޮޕީ ޕޭސްޓެކެވެ.
ޓްރިބިއުޓް ފެށީ ނިމާލްގެ އެންމެ އިހުގެ ލަވައަކުންނެވެ. އަލީ ރަމީޒް ކިޔާފައި އޮތް "މާޔޫސްވެފާ ވަމޭ މިތާ ލޯތްބައްޓަކާ" އިން ފަށައިގެން ގޮސް ނިމާލްގެ އެންމެ މަޝްހޫރު "މުޅި ޖާން ހިތާ" އަށް ކުރިއަށްގެންދިޔަ އެވެ. މި ލަވަ ފެށުމާއެކު އަސްލު ލަވައިގައި ފެންނަ ދުންގަނޑާއި ގިޓާ ކޯޑުތަކުގެ ރާގު ބެކްގްރައުންޑުގައި ހުއްޓެވެ. ފުޅި ބައްތި ހިފައިގެން މިފަހަރު އައީ އައިމިނަތު ރަޝްފާ (އާޝާ) އެވެ. ޖުމައިލް އާއި އާޝާގެ ހުށަހެޅުން ނިންމާލި އިރު ނިމާލްގެ އިނީ ދަރިފުޅުގެ ފޮޓޯ ނަގަން ކެމެރާ ނަގައިންނެވެ.
ބައްޕައަށް ދަރިފުޅު ދިން ކުޑަކުޑަ ޓްރިބިއުޓް އޭނާއަށް ވަރަށް ކަމުދިޔަ އެވެ. ޓްރިބިއުޓް އަށްވުރެ ބޮޑަށް ނިމާލަށް ފާހަގަ ކުރެވުނީ ޖުމައިލްގެ ނެށުމެވެ. ޖުމައިލް އަކީ އާއްމުކޮށް ފިލްމުތަކުގައި ނެށުންތައް ހުށަހަޅާ ތަރި އަކަށް ނުވުމުން ބައްޕައަށް ވެސް އެކަންވީ ތަފާތު ކަމަކަށެވެ. ފޯނުން ވީޑިއޯ ވެސް ކުރީ އެހެންވެ އެވެ. ލޯބީގެ ފިލްމުތަކުން ފެންނަ ދަރިފުޅު ސްޓޭޖުމަތީ ނަށަން ހުއްޓާ ފެނުމުން ހަމަ މަޖާވީ އެވެ. އަދި ޓްރިބިއުޓްއަށްފަހު ސްޓޭޖަށް އަރާ ވާހަކަ ދައްކަމުން ޖުމައިލް ލައްވާ ނެށުވި މީހުންނަށް ޝުކުރު ވެސް އަދާ ކުރި އެވެ.
"އެއްގޮތަކަށް ވެސް ހިޔާލަކަށް ނާދޭ މިކަހަަލަ ކަމެއް ކޮށްފާނެ ކަމަކަށް. އެންމެ ބޮޑު ސަޕްރައިޒް އަކީ މިއަދާ ހަމައަށް ޖުމައްޔިލް އެއްވެސް ފިލްމެއްގައި ލިޕްސިންކް ކޮށް ސްޓޭޖުގަ ޑާންސް ކޮށްފަ އެއް ނެތް. ދެން ޖުމައިލް ލައްވާ އެކަން ކުރުވި ބަޔަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!" ނިމާލް ބުންޏެވެ.
ޖުމައިލް އޭނާގެ ބައްޕަގެ ގޮތުގައި މީގެ ކުރިންވެސް ފިލްމެއްގެ ތެރެއިން އެކްޓުކޮށްލި އެވެ. ހަމަ ބިރުކުޑަ އަލީ އާ ދިމާވެ ބައްޕަ އާއި ދަރިފުޅު އެކުގައި މަޖާ ސީން އެއް ފިލްމެއްގައި ކުޅުނެވެ.