ގައުމީ ފިލްމް އެވޯޑްސް

ފިލްމު އެވޯޑްސް: ލައިފްޓައިމް އެޗީވްމަންޓަށް ނަން ހުށައަޅަން ފުރުސަތު

ނުވަ ވަނަ ފިލްމު އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓަށް ނަން ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރު ފޯ ދި އާޓްސްއިން ބުނީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓު އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އެވޯޑަށް އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމްއިއްޔާތަކުންނާއި އަދި ދިވެހި ފިލްމް ފެސްޓިވަލްގެ ސްޓިއަރިން ކޮމެޓީއިން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ހޮވޭ ފަރާތް ކަނޑައަޅާނީ ނަން ހުށަހަޅާފައިވާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު އިންޓާވިއު ކުރުމަށް ފަހު ކަމަށް ވެސް އެންސީއޭއިން ބުނެއެވެ.

ދިވެހި ފިލްމު އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ނަން ހުށަހެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުއްވުމަށްފަހު އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެންސީއޭ އަށް ހުށަހަޅަން ޖެހެއެވެ.

ގައުމީ ފިލްމު އެވޯޑްސްގައި މި އަހަރު އެވޯޑް ދޭން ނިންމާފައިވާ ކެޓަގަރީޓަކު ނޯމިނޭޝަންތައް އިއުލާނުކުރަން އެންސީއޭއިން ފަނީ ތައްޔާރުވަމުންނެވެ.

ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.

އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.

ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް

  • ނޭދެން ވަކިވާކަށް - 2017
  • ވިޝްކާ - 2017
  • ރޭވުމުން - 2018
  • މީ ލޯތްބަކީ - 2017
  • ބޮސް - 2017
  • ތިޔަ - ލޯތްބާ ދުރަށް 2018
  • ނޯޓީ ފޯޓީ - 2017
  • އިލްނޮއިސް - 2017
  • ހައްދު - 2017
  • ކަނޑު - އިބިލީސް 2018
  • މަލިކާ - 2017
  • ދެވަންސޫރަ - 2018

މިފަހަރުގެ ފިލްމު އެވޯޑްގެ ފަނޑިޔާރުންނަކީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.