ނުވަ ވަނަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް "ވިޝްކާ" ހޮވިއްޖެ އެވެ.
ރަވީ ފާރޫގު ޑައިރެކްޓުކޮށް އައިޝަތު ރިޝްމީ ޕްރޮޑިއުސްކުރި "ވިޝްކާ" ވަނީ ގައުމީ އެވޯޑުގައި ފަސް ދާއިރާއަކުން ނޮމިނޭޓްވެފަ އެވެ. ވިޝްކާ ކާމިޔާބު ކުރީ، "އިލްނޮއިސް" އާއި "ދެވަންސޫރަ" އާއި "ހައްދު" އަދި "ވަކިން ލޯބިން" އާ ވާދަ ކޮށެވެ.
މި ފިލްމަކީ ތަފާތު ޖޯންރާ އަކަށް ރިޝްމީ އާއި ރަވީގެ އިސް ރޯލެއް އަދާކޮށް އުފެއްދި ފިލްމެކެވެ. ގިނަ ބަޔެއްގެ ތަރުހީބު ލިބުނު މި ފިލްމުގައި އެންމެ ފާހަގަ ކޮށްފައި ވަނީ ރިޝްމީގެ އެކްޓިން އެވެ. ރިޝްމީ ވަނީ އެކްޓިން އަށް އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ހޯދާ އޭނާގެ "ވިޝް ލިސްޓު" ކާމިޔާބުވީ ކަން ވެސް ފާހަގަކޮށްފަ އެވެ.
މި އަހަރުގެ އެވޯޑުގައި ވިޝްކާ އިން ހަތް އެވޯޑު ކާމިޔާބު ކުރި އެވެ. އެންމެ މޮޅު އަންހެން އެކްޓަރުގެ އިތުރުން އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ރިފްގާ ގެންދިޔައީ ތީމް ލަވަ "ވިޝްކާ" އަށެވެ. އާޓް ޑައިރެކްޝަން އާއި މުހައްމަދު އިކްރާމްގެ ސައުންޑް އަދި ސިނަމެޓޮގްރަފީގެ އެވޯޑުވެސް ވިޝްކާ ގެންދިޔަ އެވެ.
އެވޯޑުތައް ހާސިލް ކުރި ފަރާތްތައް
- ލަވަކިޔުންތެރިޔާ (އަންހެން): ރިފްގާ ރަޝީދު - ވިޝްކާ
- ލަވަކިޔުންތެރިޔާ (ފިރިހެން): އަހްމަދު ނަބީލް - ބޮސް
- ސްޕެޝަލް ޖޫރީ ޕްރައިޒް (ޔަންގް ޓެލަންޓް): މަރިޔަމް ޔަލާ - ވަކިން ލޯބިން
- އާޓް ޑިރެކްޓާ: އަހްމަދު މުހައްމަދު - ވިޝްކާ
- ކޮސްޓިއުމް ޑިޒައިން: ނޫރާ - ވިޝްކާ
- ސައުންޑް ޑިޒައިން: މުހައްމަދު އިކްރާމް - ވިޝްކާ
- ބެކްގްރައުންޑް ސްކޯ: އިސްމާއިލް އަދީލް - އިލްނޮއިސް
- އެޑިޓިން: ޔޫސުފް ޝަފީއު - ދެވަންސޫރަ
- ސިނަމެޓޮގްރަފީ: އަހްމަދު ޝާމިން ނިޒާމް - ވިޝްކާ
- ސްކްރީންޕްލޭ: ޔޫސުފް ޝަފީއު - ދެވަންސޫރަ
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑު: މުހައްމަދު ރަޝީދު (ދަރާ ރަޝީދު)
- ސަޕޯޓިން އެކްޓަރު (އަންހެން): ހަދީޖާ އިބްރާހިމް ދީދީ - ވަކިން ލޯބިން
- ސަޕޯޓިން އެކްޓަރު (ފިރިހެން): އަލީ އާޒިމް - ހައްދު
- ސްޕެޝަލް ޖޫރީ އައުޓްސްޓޭންޑިން ޕާފޯމަންސް: އަލީ އާޒިމް
- އެންމެ މޮޅު އެކްޓަރު (އަންހެން): ރިޝްމީ ރަމީޒް - ވިޝްކާ
- އެންމެ މޮޅު އެކްޓަރު (ފިރިހެން): ޔޫސުފް ޝަފީއު - ދެވަންސޫރަ
- އެންމެ މޮޅު ޑައިރެކްޓަރު: ޔޫސުފް ޝަފީއު - ދެވަންސޫރަ
- އެންމެ މޮޅު ފިލްމު: ވިޝްކާ
މި ފިލްމާއެކު އެންމެ ވާދަވެރި ފިލްމަކަށްވީ ޔޫސުފް ޝަފީއުގެ "ދެވަންސޫރަ" އެވެ. މި ފިލްމުގެ ލީޑް ތަރި ވަނީ ހަތަރު އެވޯޑެއް ފިލްމަށް ހޯދަ ދީފަ އެވެ. އެންމެ މޮޅު ޑައިރެކްޝަން އާއި ފިރިހެން އެކްޓަރުގެ އެވޯޑު ޔޫއްޕެ ގެންދިޔަ އެވެ. މީގެ އިތުރުން ޔޫއްޕެގެ ސްކްރީންޕްލޭ އަށާއި އެޑިޓިން އަށްވެސް އެވޯޑު ލިބުނެވެ.
މި ފަހަރުގެ ފިލްމު އެވޯޑްސްގައި 22 ދާއިރާއަކުން އެވޯޑް ދީފައިވެ އެވެ