ދިޕިކާ ޕަދުކޯން

ރަންވީރު ލައްވާ ނަށުވަން ބޭނުމިއްޔާ ދީޕިކާއަށް ގުޅާ

ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ މަޖާ އަދި ލޯބިން އުޅޭ ދެމަފިރިންނެވެ. ދެ މީހުންގެ ސަމާސާ ވާހަކަތަކާއި ޖޯކުތަކުން ސޯޝަލް މީޑިއާގައި އަބަދުވެސް ގިނަ ބަޔެއްގެ ހިތް ފަތަހަކުރަމުން އަންނަ ދެ އެކްޓަރުންނެވެ. އެގޮތުން މިފަހަރު އެމީހުން މަޖާ ނެގީ ވަރަށް ތަފާތު ވާހަކައަކުންނެވެ.

ރަންވީރު އޭނާގެ ފޮޓޮއެއް އިންސްޓަގްރާމް ކުރި އެވެ. އިންޑިއާ މީހުން ކައިވެނި ކުރާއިރު އަޅާ ކަހަލަ ހެދުމެއް އަޅައިގެންނެވެ. ފޮޓޯގެ ތިރީގައި ކެޕްޝަނަކަށް އޭނާ ލިޔުނީ "ކައިވެނީގެ ސީޒަން ފެށިއްޖެ. މުނިފޫހިފިލުވައިދޭނެ މީހަކު ލިބެން އެބަހުރި. ކައިވެނި ޕާޓީތަކާއި އެނޫންވެސް ތަފާތު އިވެންޓްތަކަށް ގޮސްދެން،" މިފަދަ އިބާރާތަކުންނެވެ.

މި ފޮޓޯ ޕޯސްޓްކުރުމުގެ ކުރިން ރަންވީރު ވަނީ މުމްބައިގެ ޖޭޑަބްލިޔު މެރިއަޓް ހޮޓެލުގައި އޮތް ކައިވެނި ޕާޓީއަކަށް ވަދެ އެތާގައި ތިބި މީހުންނާއެކު ނަށާ ކައިވެނިކުރި ދެމަފިރިން ހައިރާން ކޮށްލާފަ އެވެ.

ރަންވީރުގެ ކެޕްޝަން ކިޔާފައި އޭނާގެ އަންހެނުން ދީޕިކާ އަކަށް މަޑަކުން ނުހުރެވުނެވެ. "ރަންވީރު ސިންގް ބުކް ކުރަން ދީޕިކާ ޕަދުކޯން އަށް ގުޅާ" ރަންވީރުގެ ކެޕްޝަންގެ ތިރީގައި ކޮމެންޓް ކުރަމުން ދީޕިކާ ލިޔެފައި ވެއެވެ.

ދެން މި ކެޕްޝަނަށް އޭނާގެ ބައެއް އެކުވެރިން ވެސް ތަފާތު މަޖާ ވާހަކަތައް ލިޔެ ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ މުނިފޫހި ފިލުވާދީފައި ވެއެވެ.

ފިލްމީ ރޮނގުން ބަލާއިރު ރަންވީރު ދެން އެންމެ އަވަހަށް ފެންނާނީ 1983 ގެ ކްރިކެޓް ވޯލްޑްކަޕް އާ ގުޅޭ ގޮތުން އުފައްދާ "83" އިންނެވެ. މި ފިލްމުގައި އަންހެނުން ދީޕިކާ ވެސް ކުޑަ ރޯލެއް ކުޅެފައި ވެއެވެ.

އޭގެ ފަހުން ސަންޖޭ ލީލާ ބާންސާލީގެ "ބައިޖޫ ބަންވަރާ" ގެ ޝޫޓިން ފަށަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް މި ފލްމުގައި ރަންވީރު ބައިވެރިވާކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.