ނިއުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ރިލްވާން ވަހީދު (ކަކާރިލޭ) ބާކީކޮށް، ބީޖީގެ އަބުދުﷲ މުއާޒް (އޮޓޯ) ގައުމީ ސްކޮޑަށް ނަގައިފި އެވެ.
އަހުލާގީ މައްސަލަތަކުގެ ސަބަބުން ކޯޗު ކަމުން ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް ވަކިކުރުމަށްފަހު، އަންނަ މަހު އަށެއްގައި ޗައިނާއާ ދެކޮޅަށް އަދި އޭގެ ކުރިން ސެޕްޓެމްބަރު ތިނެއްގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒު މި ސްކޮޑް ނެގީ ކުލަބުތަކާ މަޝްވަރާކުރުމަށްފަހު އެވެ.
މި ފަހަރުގެ ސްކޮޑުގައި ޖުމުލަ 26 ކުޅުންތެރިން ހިމަނާފައިވާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްދިޔަ ޓީމުގައި ހިމެނުނު ވެލެންސިއާގެ ހުސައިން ނިހާން ވެސް ވަނީ ބާކީކޮށްފަ އެވެ.
މި ފަހަރުގެ ސްކޮޑުގައި ހިމެނެނީ ބީޖީ އާއި އީގަލްސް އަދި ވެލެންސިއާ އާއި ޓީސީކުރެ ކޮންމެ ޓީމަކުން ދެ ކުޅުންތެރިންނާއި މަހިބަދޫގެ އެއް ކުޅުންތެރިއަކާއި މާޒިޔާގެ އަށް ކުޅުންތެރިން އަދި ނިއުގެ ހަ ކުޅުންތެރިންނެވެ. ދެން ހިމެނެނީ މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅޭ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މިޔަންމާގެ ކޭބީޒެޑަށް ކުޅޭ މުހައްމަދު އާރިފް (ބަކާ) އެވެ.