ތިނެއް ނޮވެންބަރުން ލިބިގަންނަންވީ ފިލާވަޅުތައް ވަރަށް ގިނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ނަސްރުގެ ދުވަސް" ފާހަގަ ކުރަން މިރޭ ސިފައިން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އަބަދުވެސް މާޒީން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތްތަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު މާރިޔާ ވަނީ ނޮވެންބަރު ތިނެއް އައިއިރު ރާއްޖޭގެ ސަލާމަތީ ކަންކަމުގެ ހާލަތު އޮތްގޮތުގެ މައްޗަށް ވަރަށް ތަފާތުކޮށް ބައްލަވާލައްވާފަ އެވެ.
"ތިނެއް ނޮވެންބަރުގެ ހާދިސާ ހިނގިއިރު އޭރު ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ ކަންކަމުގެ ހާލަތު އޮތް ގޮތަށް ބަލާލަންޖެހޭ. ކައިރި ގައުމެއްގެ ޓެރަރިސްޓް ޖަމާއަތެއްގެ ހަނގުރާމަވެރިން ރާއްޖެއިން ބޭރުން އައިސް، ދިވެހި ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަދެ، ފުރަމާލެއާ ހަމައަށް އައިރުވެސް އެކަން 'ޑިޓެކްޓެއް' ކުރެވޭ. ދިވެހިރާއްޖޭގެ މައި ނާރެސްކަމުގައިވާ މާލެއަށް އެމީހުން ހަނގުރާމަވެރި ހަތިޔާރާއެކު އެެރިއިރު މުޅި މާލެ އޮތީ ފުން ނިދީގައި. ދުޝްމިނުންގެ ވަޒަންތަކާ ފުރަތަމަ ކުރިމަތިލެއްވި ޝަހީދު ހުސައިން އާދަމް އަތުން ވަޒަން ހުސްވުމުން އިތުރަށް ވަޒަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް. އަދި ރައްކާތެެރި އެހެން ތަނަކަށް ޖެހިލެވޭނެ ގޮތެއްވެސް ނެތް." މިނިސްޓަރު ވިދާޅުވިއެވެ. "ސިފައިންގެ މައި ބަޑިގުދަނުގެ ތަޅުދަނޑިފަތި އޮތީ މަރުކަޒުން ބޭރުގައި. އޮފް ޑިއުޓީގައި އުޅުއްވި ސިފައިންގެ ބޭކަލަކަށް ޖެހިވަޑައިގަތީ މި ތަޅިދަނޑިފަތި ބަންޑާރަކޮށީގެ ފާރުމަތިން އެއްލަވަން. ސިފައިންގެ މައި މަރުކަޒު އޮތީ ބޭރުން ހިސާރުކޮށްފައި. ދުޝްމަނުންގެ ތަފާތު ޓީމްތައް މާލޭގެ އެކި ތަންތަނަށް ގޮސް ގޭގެއަށްވަދެ މުޅި މާލެއަށް ބިރުވެރިކަން ފަތުރަމުން ގެންދިޔަ."
މިނިސްޓަރު ވިދާޅުވީ މިއަދު އެންމެ އިސްކަންދެނީ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުުރުމަށް ކަމަށެވެ. އަދި ދިވެހި ސިފައިންގެ މުއައްސަސާއަކީ މިހާރަށްވުރެ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ސިފައިންނަށް ބޭނުންވާ ހަތިޔާރާ އެހެނިހެން އާލަތްތައް ހޯދިފައިވާ ކަމަށާ އުދުވާންތަކަށް ތައްޔާރުވުމުގެ ގޮތުން ސިފައިން އަބަދުވެސް ގެންދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނޭންގި އަންނަ ނުރައްކާތަކުން ސަލާމަތްތެރިކަން ހޯދުމަށް ގިނަ ވަސީލަތްތަކެއް ގާއިމުކުރެވިފައިވާއިރު، އެފަދަ ނުރައްކާތައް ކުރިމަތިވުމުގެ ފުުރުސަތު މިއަދު ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ކަމަށެވެ.