ހަބަރު

ހަނދާނީ ބިނާގެ މޮޑެލް އެމްއެންޑީއެފަށް ހަދިޔާކޮށްފި

އަމިއްލަ ފަރާތަކުން ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފިއެވެ.

މި ބިނާ ތައްޔާރު ކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ޕްރައިވެޓް އަބްދުﷲ ޝާފިއު އެވެ. ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މި ބައްދަލުވުމުގައި މާރިޔާ ދެއްކެވި ވާހަކަފުޅުގައި ނަސްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޝާފިއު އަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މޮޑެލަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލެއްކަން ފާހަގަކުރައްވާ މޮޑެލް ތައްޔާރުކުރުމަށް ޝާފިއު ދައްކާދީފައިވާހުނަރުވެރި މަސައްކަތް އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައިވާހަކަ ދައްކަވަމުން ޝަމާލް ވަނީ، ޝާފިއުގެ ހުނަރުވެރި މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ. ޝާފިއު ވަނީ މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރާ ހިއްސާ ކުރައްވާފަ އެވެ.

ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ، ޝާފިއުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭކަލެކެވެ. އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި ޝާފިއު އަކީ އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ އެމްއެންޑީއެފަށް ހަދިޔާކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލަކީ ދެ ފޫޓު ދިގު މިނަށް ހަދާފައިވާ މޮޑެލެކެވެ. ގާތްގަނޑަކަށް އެއް މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ ސޮންބޯޑާއި ކަރުދާހުގެ އިތުރުން ދަގަނޑު ބޭނުންކޮށްގެންނެވެ.