"ސްޕައިޑަމޭން: އިންޓު ދި ސްޕައިޑަވާސް"ގެ ސީކުއެލް އެއް އުފައްދަން ނިންމައިފި އެވެ.
މާވެލް ކޮމިކްސްގެ މުހިއްމު ކެރެކްޓާ އެއް ދައްކުވައިދޭ އެނިމޭޓެޑް މި ފިލްމަކީ މާވެލް އާ ގުޅިގެން ސޮނީ ޕިކްޗާސް އެނިމޭޝަން އިން 2018 ވަނަ އަހަރު ފަހުކޮޅު ނެރުނު ފިލްމެކެވެ. ސޮނީ އިން ވަނީ މި ފިލްމުގެ ސީކުއެލް އެއް އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ހުކުރު ދުވަހު އިއުލާން ކޮށްފަ އެވެ.
ސީކުއެލް ރިލީޒް ކުރާނެ ތާރީހަކަށް ދީފައި ވަނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހެވެ. އިތުރު ތަފްސީލެއް ހާމަ ކޮށްފަ އެއް ނުވެ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ނެރުނު މި ފިލްމަށް ލިބުނު ތަރުހީބާ އެއްވަރަށް ސީކުއެލްގެ އިއުލާން ވެގެންދިޔައީ ފޭނުންނަށް އުފާވެރި ހަބަރަކަށެވެ.
މި އަހަރުގެ އޮސްކާގައި "އިންކްރެޑިބަލްސް 2"، "އައިލްސް އޮފް ޑޯގްސް" އަދި "ރާފް ބްރޭކްސް ދަ އިންޓަނެޓް" ފަދަ މަގުބޫލު ފިލްމުތައް ފަހަތައް ޖައްސާލާ އަހަރުގެ ބެސްޓް އެނިމޭޓްޑް ފިޗާގެ އެވޯޑު "ސްޕައިޑާ މޭން: އިންޓު ދި ސްޕައިޑާ ވާސް" ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި ފިލްމުގައި ފެންނާނީ އެހެން ސްޕައިޑަމޭން ފިލްމުތަކުގައިވެސް ފެންނަ ހެން، ސްޕައިޑާ އެއް ދަތް އަޅައިގެން ސުޕަ ޕަވާ ތަކެއް ލިބޭ ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ. އެހެންނަމަވެސް މި ފިލްމުގައި މުޅި ފޯކަސް އޮންނަނީ މި ފިިރިހެން ކުއްޖާ އަކަށް ނޫނެވެ. "ސްޕައިޑާ ޕީޕަލް"ގެ އިތުރު މީހުންވެސް އެކި ޑިމެންޝަންތަކުން ތައާރަފް ވެ އެވެ. އެގޮތުން ސްޕައިޑާ ގްވެން އާއި ސްޕައިޑާ ހޭމް އަދި ޕީޓާ ޕާކާ ވެސް ހިމެނެ އެވެ.
90 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 375 މިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ.